ރާއްޖެއިން ޢުމްރާއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ފޮތް މާދަމާ ވިއްކަން ފަށަނީ

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުން އަންނަ މަހުގެ 11 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ދިވެހިރާ...

27 Sep 2020 | 13:59

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުން އަންނަ މަހުގެ 11 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2019 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި " ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށާއި ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 11 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9 ން މެންދުރު 12 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޕްރޮޕޯޒަލް ގަނެފައިނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޕްރޮޕޯޒަލްފޮތް މާދަމާ އިން ފެށިގެން އަންނަ މަހު 7 ވާ ބުދަ ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9 ން މެންދުރު 12 އަށް މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެ ކަމަށާއި ފޮތުގެ އަގަކީ 5،000 ރުފިޔާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް