ރާއްޖޭގެ ނިސްބަތުން ނުކުރާވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރިއަށް އޮތް މަސްތަކުގައި ކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން ފައިސާ ދައުރުވެ، އިގުތިސާދު ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 15 ޕަސެންޓާއި 17 ޕަސެންޓުގެ ކުރިއެރުމެއް ހޯދާނެ ކަމަށެވެ.
މީގެ އިތުރުން 2022 އަހަރު ރާއްޖޭގެ އިގުތިސާދު، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ހުރި ވަރަށް އިޔާދަކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 6 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ޕްރޮޖެކްޓުތައް ހަވާލުކުރެވިފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާލުވި އެވެ.
އެގޮތުން މާލެ- ތިލަފުށި ބުރިޖާއި ގުޅީފަޅު ޕޯޓްގެ މަޝްރޫ، ހަނިމާދޫ އެއަރޕޯޓު، އައްޑޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު، އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ލޯނު ނެގުމަކީ އިގުތިސާދު ކުރިއަރާ ކަމެއް ނޫން ކަމަށާއި އިގުތިސާދު ކުރިއަރާނީ ހޯދާ ލޯނުން ކުރާ މަސައްކަތުގެ ޒާތުން ކަމަށެވެ.
ކޮވިޑުގެ ހާލަތާއެކު ވެސް ސަރުކާރުގެ މެނިފެސްޓޯގައި ވައުދުވި ގިނަ ކަންތައްތައް ކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް