ސްޕެނިޝް ލީގުގެ ފުރަތަމަ މެޗަށް މިރޭ ވިޔަރެއާލްއާއި ދެކޮޅަށް ބާސާ ނިކުން މެޗުގައި އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެކަމަށް ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
އެގޮތުން މިރޭ ވިޔަރެއާލްއާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫމަން ބުނީ މިރޭގެ މެޗުގައި އަނިޔާގެ މައްސަލަ ކުރިމަތިވެ އެޓީމުގެ ޑިފެންޑަރ ސެމިއުލް އުމިޓިޓީ އާއި މާރކް އެންޑްރޫ ސްޓޭގަންގެ އިތުރުން މާޓިން ބްރެއިތްވެއިޓް އަށް ނުކުޅެވޭނެކަމަށެވެ.
މީގެ ކުރިން ކޫމަންގެ ޕްލޭންގައި ނުހިމެނޭކަމަށް ބުނެ ދޫކޮށްލަން ނިންމާފައިވާ ބައެއް ކުޅުންތެރިން މިރޭ ވިޔަރެއާލްއާއި ދެކޮޅަށް ބާސާކުޅޭ މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި ރަފީނިއާ އަލްކަންޓާރާ، ރިގީޕީގް ހިމެނެއެވެ.
ވިޔަރެއާލް އާއި ދެކޮޅަށް މިރޭ ކުޅޭ މެޗަށް ކޯޗު ކޫމަން ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި މުހިންމު ގިނަ ކުޅުންތެރިން ހިމަނާފައިވާއިރު، މިރޭ ވިޔަރެއާލް އާއި ދެކޮޅަށް ނެރޭ ފުރަތަމަ އެގާރައިން ޖާގަލިބޭނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ލިއޮނެލް މެސީ ، ފިލިޕޭ ކުޓީނިއޯ އަދި އަލަށް އެޓީމާއި ގުޅުނު މިރެލިމް ޕިޔަނިޗް، ފްރެންކީ ޑިޔޮންގެ އިތުރުން އަންސޫ ފަޓީ އަދި އެންޓޮނިން ގްރީޒްމަން ހިމެނެއެވެ.
ސްޕެނިޝް ލަލީގާގެ އައު ސީޒަން ފެށިގެން ކުރިޔަށް ދާއިރު ބާސާ މީގެ ކުރިން އަދި މިހާތަނަށް މެޗެއް ކުޅެފައެއް ނުވެއެވެ. ބާސާ ކުޅެން ޖެހޭ މެޗުތައް ލަސްކުރީ ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅެފައިވާތީ ޓީމަށް ރެސްޓު ދިނުމުގެ ގޮތުންނެވެ.
މިރޭގެ މެޗަކީ ބާސާގެ ކޯޗުކަމާއި އަލަށް ހަވާލުވި ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެޓީމު ކުޅޭ ވާދަވެރި ފުރަތަމަ މެޗެވެ. ވިޔަރެއާލް އަދި ބާސެލޯނާ ބައްދަލުކުރާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް