އަމިއްލައަށް ޚިދުމަތް ހޯދޭ ޑިޖިޓަލް ކިއޯސްކްއެއް އުރީދޫ އިން ވީއައިއޭ ގައި ގާއިމްކޮށްފި

ރާއްޖެ ދަތުރު ކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން، އުރީދޫގެ ޚިދުމަތްތައް އަމިއްލައަށް ހޯދޭ ޑިޖިޓަލް ކިއޯސްކްއެއް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އުރީދޫ މޯލްޑިވްސްއިން މިއަދު ގާއިމްކޮށްފިއެވެ. 24...

27 Sep 2020 | 09:36

ރާއްޖެ ދަތުރު ކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން، އުރީދޫގެ ޚިދުމަތްތައް އަމިއްލައަށް ހޯދޭ ޑިޖިޓަލް ކިއޯސްކްއެއް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އުރީދޫ މޯލްޑިވްސްއިން މިއަދު ގާއިމްކޮށްފިއެވެ.

24 ގަޑިއިރު ޚިދުމަތްލިބޭ މި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ސިމްކާޑް ރެޖިސްޓަރކޮށް އިޝޫ ކުރެވެއެވެ. އަދި ސިމް ކާޑު ރިޗާރޖްވެސް ކުރެވޭނެއެވެ.

އަމިއްލައަށް ޚިދުމަތް ލިބިގަނެވޭ ޑިޖިޓަލް ކިއޯސްކްއަކީ މިދުވަސްކޮޅު ކަސްޓަމަރުން އަދި މުވައްޒަފުންގެ ސަލާމަތަށް ބެލި ކަމުގައި ވިޔަސް މުހިންމު ޚިދުމަތެކެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު ބޭއްވި ޚާއްޞަ ހަފްލާގައި، ފަތުރުވެރިންނަށް ޚާއްޞަ މި ޑިޖިޓަލް ކިއޯސްކް އިފްތިތާހު ކޮށްދެއްވީ، މިނިސްޓަރ އޮފް ޓުއަރިޒަމް، ޑރ. މައުސޫމް އަބްދުﷲއެވެ. އަދި އެމް.އޭ.ސީ.އެލް ގެ އެމް.ޑީ އަދި ސީ.އީ.އޯ، ގޯޑަން އެންޑްރިއު، އެމް.އެމް.ޕީ.އާރް.ސީގެ އެމް.ޑީ، ތޮއްޔިބް މުހަންމަދު އަދި ކޭމްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

"އުރީދޫގެ ތަސައްވުރާއި އެއްގޮތުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ބަލަނީ މުޖުތަމައުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ހޯދާދިނުމަށް. މުޅި ދުނިޔެ މިއަދު ކުރިމަތިލަމުން މި ދާ ގްލޯބަލް ޕެންޑެމިކާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ. އެހެންނަމަވެސް، ފަތުރުވެރިންނަށް ސަލާމަތްތެރި ތަނެއްގެ ގޮތުގައި ގާއިމްކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވީއިރު، ޚިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ފަތުރުވެރިކަމުގެ ދާއިރާ އަލުން އިއާދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ކޮންމެ ބޭފުޅެއްގެވެސް ޒިންމާއެއްކަމުގަ. އެގޮތުގެ މަތިން މިއަދު މި އިފްތިތާހު ކުރެވުނު ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ފަތުރުވެރިންނަށް ސަލާމަތްތެރިކަމާއެކު ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ." އުރީދޫ މޯލްޑިވްސް ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

24 ގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ލިބޭ މި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.

މީގެތެރޭގައި ޓުއަރިސްޓް ސިމް ކާޑު ބައްލަވައިގަތުން، ބިލަށް ފައިސާ ދެއްކުން، ރީޗާރޖް ޚިދުމަތްތައް އަދި އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްއިން ދާދި ފަހުން ވަނީ "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާރކެޓިންގް ކެމްޕޭނެއްވެސް ލޯންޗްކޮށްފައެވެ.

މި ކެންޕެއިންގައި ދުނިޔޭގެ 10 ޤައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށް އަމާޒުހިފާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބާރު ސްޕީޑެއްގައި ކުރިއެރުވުމަށް އުރީދޫއިން އެހީތެރިކަމާއި އެއްބާރުލުންދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް