ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ބޮޑުފިނޮޅުގައި ބިދޭސީން ލައްވާ މަސައްކަތް ކުރުވައި ދިގު މުއްދަތެއް ވަންދެން މުސާރަ ނުދީ ހާލުގައި ޖެއްސި މައްސަލާގައި އެ ބިދޭސީންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެއްދި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައިވަނީ ދެ މަސްދުވަސް ފަހުންނެވެ. އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ބޮޑުފިނޮޅުގައި މަސައްކަތް ކުރި 200 ބިދޭސީންގެ ފަރާތުން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ. ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށާއި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް އެނބުރިދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ކުންފުނިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. ބިދޭސީންނާ މެދު ވަކި ގޮތެއް ހަމަޖެހެންދެން ކެއުމާއި ހުރުމާއި ބޭސްފަރުވާގެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ހަވާލުވާން ޖެހޭ ކަމަށް ކަނޑައަޅައިދޭން ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުށަހެޅި އެ މައްސަލަ ބަލައިގަތީވެސް އޭގެ އެއް މަސް ފަހުން19 އޯގަސްޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް