ގެސްޓު ހައުސްތައް ހުޅުވުމުން ގެސްޓު ހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށަކަށް މީހުން ދާނަމަ ކަރަންޓީން ވާން ޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ގެސްޓު ހައުސްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހު އެވެ. އެކަމަކު އަތޮޅުތަކުގައި ހިންގާ ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަ ދޭނީ އެ ރަށެއްގެ ކައުންސިލުން އެކަމަށް ހުއްދަ ދޭނަމަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލްވުމާއި ދިމާއަށް މިސްރާބު ޖަހާފައި ވިޔަސް އަތޮޅުތެރެއަށް އިތުރަށް ބަލި ނުފެތުރޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެގޮތުން ރިސޯޓުތަކެކޭ އެއްގޮތަށް ގެސްޓު ހައުސްތައް ހުޅުވުމުން އެ ރަށަށްރަށުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ދާނަމަ ކަރަންޓީން ވާންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، ހުޅުވާފައިވާ ރިސޯޓުތަކާއި ހަދަމުންދާ ރިސޯޓުތައް، މާލެ އަދި ގެސްޓު ހައުސް ހިންގާ ރަށްރަށުން އެހެން ރަށަކަށްދާ މީހުން ކަރަންޓީން ވާންޖެހޭ ގޮތަށް ގަވައިދުގައި ހިމެނީ ރިސްކެތް ނުނެގުމަށް ކަމަށެވެ. ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ހެސްޓު ހައުސްތަކާއި ރިސޯޓުތަކަށް ދާ މީހުންނަކީ މާލެ އާއި ރާއްޖެއިން ބޭރުން ދާ މީހުންނަށް ވާތީ އެމީހުންގެ ފަރާތުން އެ ރަށްރަށުގައި ދިރިއުޅޭ މީހުންނާއި މުވައްޒަފުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 10،045 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 34 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް