ހޯނޑެއްދޫގައި ހޯމް ކަރަންޓީން ގަވައިދާ ހިލާފުވިކަމުގެ ހެތްކެއް ނެތް: ޑރ. ނަޒްލާ

ގދ. ހޯނޑެއްދޫގައި ކޯވިޑް-19 ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް މިހާތަނަށް ކުރި މަސައްކަތުން ހޯމް ކަރަންޓީންގައި ތިބި މީހުން ގަވައިދާ ހިލާފުވިކަމުގެ ހެތްކެއް ލިބިފައި ނުވާކަމަށް އެޗްއީއޯސީން ބުނެފި އެ...

27 Sep 2020 | 04:35

ގދ. ހޯނޑެއްދޫގައި ކޯވިޑް-19 ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް މިހާތަނަށް ކުރި މަސައްކަތުން ހޯމް ކަރަންޓީންގައި ތިބި މީހުން ގަވައިދާ ހިލާފުވިކަމުގެ ހެތްކެއް ލިބިފައި ނުވާކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެ ރަށުން މިހާތަނަށް 45 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އެންމެންވެސް ނިސްބަތްވަނީ މިމަހު ކުރީ ކޮޅު ހޯމް ކަރަންޓީނަށް ދިޔަ ދެ މީހެއްގެ އާއިލާ އާއި އެވެ. އޭގެ ފަހުން ވަނީ އެ ހޯމް ކަރަންޓީންގައި ނެތް ދެ މީހަކު ޕޮސިޓިވްވެފައި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ މީހުން ކަރަންޓީން ގަވައިދާ ހިލާފަށް އާންމު ތަންތަނަށް ނުކުމެ އުޅެފައިވާ ކަމުގެ ހެއްކެތް ލިބިފައި ނުވާ ކަމަށެވެ. އަދި އެ މީހުން އެ ގަވައިދާ ހިލާފުވެފައިވޭތޯ ބަލަމުންދާނީ ފުލުހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯނޑެއްދޫގައި ބަލި ފެތުރު ނަމަވެސް ލޯކަލް ޓްރާންސްމިޝަންއެއްގެ ގޮތުގައި ކަނޑައެޅީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ޕޮސިޓިވްވެފައިވާތީ ކަމަށެވެ.

އެ ރަށުން މައުލޫމާތުދިން ބައެއް މީހުން މީގެ ކުރިން ބުނެފައިވަނީ އެ ރަށުގައި ބަލި ފެތުރުނީ ކަރަންޓީންގައި ތިބި މީހުންނަށް ކާއެއްޗެހި ހިފައިގެން ގޮސް އެ ގޭގެއަށް ވަދެފައިވާތީ ކަމަށެވެ. އަދި ކަރަންޓިންގައި ތިބި މީހުންގެ އާއިލާ މެމްބަރުން އެ ގޭގެއިން ވަދެ ނުކުމެ ހަދާތަން އެ ރަށުގެ ގިނަ ބަޔަކަށް އޭރު ފެނިފައިވާ ކަމަށެވެ.

ހޯނޑެއްދޫއިން ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ. މިހާރު އެ ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 13 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް