ސްޕެނިޝް ލީގުގައި ރޭ ރެއަލްބެޓިސްއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރެއަލްބެޓިސްއާއި ދެކޮޅަށް ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ރެއަލްމެޑްރިޑުންނެވެ. މެޗުގެ 14 ވަނަ މިނަޓްގައި ވަލްވާޑޭ ޖެހި މިލަނޑަކީ ބެންޒެމާ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގައި ރެއަލްބެޓިސްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 35 ވަނަ މިނަޓްގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އައިއްސަ މަންޑީއެވެ. އަދި މި ލަނޑު ކާމިޔާބު ކުރިތާ ދެ މިނަޓްފަހުން ރެއަލްބެޓިސްއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަމް ކަރަވާޅޯ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ގޯލް އޭރިއާތެރޭގައި ހުރެ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ކޯޓުއާގެ އަތުގައި ޖެހިފައި ގޯލުގެ ހަނި ކަނަށް ފޮނުވާލައިގެންނެވެ.
އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިންމާލީ 1-2 ގެ ނަތީޖާއިން ރެއަލްބެޓިސްއިން ކުރީގައި އޮވެގެންނެއެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެއްޓުމާއެކު ވަރަށް ކުރީކޮޅު ރެއަލްމެޑްރިޑުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ ކަރްވަހާލް ނަގައިދިން ހުރަހެއް ރެއަލްބެޓިސްގެ ޑިފެންޑަރު އެމަސަން ދިފާޢުކުރަން އުޅުމުގެ ތެރޭގައި ބައި ކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށް ފަހު ދެން ފެނިގެން ދިޔައީ ރަތްކާޑެކެވެ. މެޗުގެ 67 ވަނަ މިނަޓްގައި ފެނިގެންދިޔަ މިރަތްކާޑަކީ ބޯޅައާއެކު ހުސްކޮށް އޮވެ އެކަނިމާއެކަނި އޭރިއާތެރެއަށް ވަންނަންދިޔަ ޖޮވިޗަށް ބެޓިސްގެ ޑިފެންޑަރ އެމަސަން ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެއްކި ރަތްކާޑެކެވެ.
މެޗުގައި ރެއަލްމެޑްރިޑު މޮޅުވި ލަނޑު 82 ވަނަ މިނަޓުގައި އެޓީމުން ކާމިޔާބު ކުރިއިރު، މި ލަނޑަކީ ބޯޖާ މަޔޮރަލްއަށް ރެއަލްބެޓިސްގެ އޭރިއާތެރެއިން ބާޓްރާ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޮސްއެވެ.
ބެޓިސްއަތުން ރޭ ރެއާލް މޮޅުވެފައިވާއިރު، މި މޮޅަކީ މިސީޒަންގައި ރެއާލްމެޑްރިޑުން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލަން ޖެހެއެވެ. މި މޮޅާއި އެކު ރެއާލް މެޑްރިޑް އޮތީ4 ޕޮއިންޓާއި އެކު ލީގުގެ ފަސްވަނާގައެވެ. އަދި ރެއާލްބެޓިސް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ލީގުގެ ދެވަނާގައެވެ.
ލީގުގައި ދެން ރެއާލް ކުޅޭ މެޗުގައި އެ ޓީމު ނިކުންނާނީ ރެއާލް ވަލެޑޮލިޑޯއާއި ދެކޮޅަށެވެ. އަދި ރެއާލް ބެޓިސް ނިކުންނާނީ ގެޓަފޭއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް