ޕްރމިއާ ލީގް: ފަހު ވަގުތު އަބްރަހަމް ކާމިޔާބު ކޮށްދިން ލަނޑުން ޗެލްސީ ސަލާމަތްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވެސްޓް ބްރޮމް އަތުން ފަހު ވަގުތު ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެއެވެ. ވެސްޓް ބްރޮމުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އ...

27 Sep 2020 | 03:08

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވެސްޓް ބްރޮމް އަތުން ފަހު ވަގުތު ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ވެސްޓް ބްރޮމުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޗެލްސީގެ ފަރާތުން މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން ވެސްޓް ބްރޮމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗު ފެށިގެ ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަތެއުސް ޕެރެއިރާގެ އެހީތެރިކަމާއި އެކު ކަލުމް ރޮބިންސަންއެވެ.

މެޗުގައި ވެސްޓް ބްރޮމުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާ ކުރީ މެޗުގެ 25 ވަނަ މިނެޓުގައި ކަލުމް ރޮބިންސަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ތިއާގޯ ސިލްވާ ހެދި ގޯހެއްގެ ފައިދާ ނަގައި ވެސްޓްބޮރްއިން ކާމިޔާބު ކުރި ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑާނެލް ފާލޯންގުގެ އެހީއާއެކު ކައިލް ބާޓްލީ ވަނީ ވެސްޓް ބްރޮމުގެ ތިންވަނަ ލަނޑު ޖަހާ އިތުރަށް ލީޑް ފުޅާކޮށްދީފައެވެ.

ވެސްޓް ބްރޮމްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ޗެލްސީން މެޗުގެ ދެވަނަ ހާފު ފެށީ ގިނަ ބަދަލުތަކަކާއި އެކުގައެވެ. އެގޮތުން ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ކުޅުން ރަނގަޅު ކުރިއިރު، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ.

އަދި މެޗުގެ 70 ވަނަ މިނެޓުގައި ކައި ހަވާޓްޒް ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަލުމް ހަޑްސަން-އޮޑޯއި ވަނީ ޗެލްސީއަށް ފަރަގު ކުޑަކޮށްދީފައެވެ. މި މެޗުން ޗެލްސީ ބަލިނުވެ ސަލާމަތްވީ އިތުރު ވަގުތުގައި ޓެމީ އަބްރަހަމް ކާމިޔާބުކުރި ލަނޑުންނެވެ.

ވެސްޓް ބްރޮމް އަތުން ޗެލްސީއަށް ޕޮއިންޓެއް ލިބުނުއިރު، ޗެލްސީ އޮތީ ލީގު ތާވަލުގެ ހަވަނައިގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. އަދި ވެސްޓް ބްރޮމް އޮތީ ތާވަލުގެ 16 ވަނައިގައި ތިން ޕެޗުން އެންމެ ޕޮއިންޓަކާއެކުއެވެ.

ލީގުގައި ޗެލްސީން ދެން ކުޅެން ޖެހޭ މެޗުގައި އެޓީމު ނިކުންނާނީ ކްރިސްޓަލކް ޕެލަސްއާއި ދެކޮޅަށެވެ. އަދި ވެސްޓް ބްރޮމް ނިކުންނާނީ ރަށުން ބޭރުގައި ސައުތެމްޕްޓަންއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް