ކޮވިޑު-19: ވެކްސިން އާންމުވާއިރު މަރުގެ އަދަދު ދެ މިލިޔަނަށް އެރުން އެކަށީގެންވޭ

ކޮވިޑަށް ކާމިޔާބު ވެކްސިނެއް ލިބި، ފުޅާ ދާއިރާއެއްގައި ވެކްސިން ބޭނުންކުރަން ފަށާއިރު ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ދެ މިލިޔަނަށް އެރުން ގާތް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން...

27 Sep 2020 | 02:49

ކޮވިޑަށް ކާމިޔާބު ވެކްސިނެއް ލިބި، ފުޅާ ދާއިރާއެއްގައި ވެކްސިން ބޭނުންކުރަން ފަށާއިރު ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ދެ މިލިޔަނަށް އެރުން ގާތް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން މިހެން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

މަރުގެ އަދަދު ދެ މިލިޔަނަށްވުރެ މަތިވާނެ ކަމަށް ލަފާކޮށްފައިވާއިރު ކޮވިޑުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ ނުވަ ލައްކައަށްވުރެ މަތިން، މިލިޔަނަކާއި ގާތުގައެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމްގެ ހެޑް، މައިކް ރަޔާން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ ކޮވިޑުގެ ނުރައްކަލުން ސަލާމަތްވާން އަދި ގާތް ނުވާކަމަށެވެ. އަދި ކޮވިޑު ބާރުމިނުގައި ފެތުރުމުގެ ތުހުމަތު ޒުވާނުންގެ ބޮލުގައިވެސް އެޅުވެން ނެތް ކަމަށެވެ.

ކޮވިޑަށް ކާމިޔާބު ވެކްސިނެއް އުފައްދައި ފުޅާ ދާއިރާއެއްގައި އެ ވެކްސިން މުޅި ދުނިޔެއަށް ފޯރާނެ ފަދަ އިންތިޒާމެއް ގާއިމް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ ކޮވެކްސް ފައިނޭންސް ސްކީމްގެ ނަމުގައި ސްކީމެއް ވަނީ ފަށާފައެވެ. މި ސްކީމްގައި މިހާތަނަށް ދުނިޔޭގެ 159 ގައުމަކުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގޮތް ނޭނގޭ ބައްޔެއްގެ ގޮތުގައި ވުޖޫދުވި ކޮވިޑު-19ގައި މިހާތަނަށް މިލިޔަނެއްހާ މީހުން މަރުވެފައިވާއިރު މި ބައްޔަށް ޕޮޒިޓިވް ވި އަދަދު އުޅެނީ 33 މިލިޔަނުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް