ދައުލަތުގެ މުއައްސަސާތަކުގައި ހުރި ލިޔެކިޔުންތަކުގެ ތެރެއިން އޮޑިޓް ކުރުމަށް ބޭނުންވާނެ ލިޔުމެއް ނައްތާނުލަން އޮޑިޓާ ޖެނެރަލްގެ އޮޮފީހުން އަންގައިފި އެވެ.
އެ އޮފީހުން މިއަދު ހުރިހާ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، ދައުލަތުގެ މުއައްސަސާތަކުން ހިންގާފައިވާ އަދި ހިންގަމުން އަންނަ މަސައްކަތްތަކާ ގުޅޭ ހިސާބުތަކާއި އެންމެހާ ލިޔެކިޔުންތައް އެ އޮފީހުގެ މަސައްކަތުގެ ތެރޭގައި ބަލަން ޖެހިދާނެ ކަމަށެވެ. އޭގެ ތެރޭގައި މެމޯތަކާއި އީމެއިލްތަކާއި ޔައުމިއްޔާ ފަދަ ލިއުންތައް ވެސް ހިމެނޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ސާކިއުލާގައިވާ ގޮތުގައި، ލިޔުން ނުވަތަ ހިސާބު ނައްތާލަންޖެހޭ ފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ، އެކަމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމަށްފަހު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ އެއްވެސް ލިޔުމެއް ނުވަތަ ހިސާބެއް ނައްތާލައިގެން ނުވާނެ އެވެ.
ލިއުންތަކާއި ހިސާބުތައް ބެލެހެއްޓުމާއި ނައްތާލުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން އަމަލުކުރުމަށް ދައުލަތުން ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްވެސް ފަރާތަކުން ޚިލާފުވެއްޖެ ނަމަ އެކަމަކަށް އެ ފަރާތަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
އެފަދަ ލިއުންތައް ނައްތާލުމަކީ، އޮޑިޓް އޮފީހުގެ މަސައްކަތްތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީ، އެފަދަ އެއްވެސް ކަމެއް ނުކުރަން އެ ސާކިއުލާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ލިޔެކިޔުންތައް ނައްތާނުލަން އޮޑިޓް އޮފީހުން އެންގިއިރު، ސަރުކާރުގެ އޮފީސްތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވަން އެމްޑީޕީން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުމަށް ބައެއް ބަދަލު ގެންނަ ކަމުގެ ކަންބޮޑުވުންފާޅުކޮށް، އެކަން ނުކުރުމަށް އެމްޑީޕީން ވަނީ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް