ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މާދަމާ ބާއްވަން ތައްޔާރުވަމުން އަންނަ ގައުމީ ޖަލްސާ ހުއްޓުވައިދިނުމަށްއެދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ވަގުތީ އަމުރަށްއެދި ހުށަހަޅާފައިވާއިރު ބުނެފައިވަނީ ސިވިލް ކޯޓުގެ 1586/Cv-C/2016 ނަންބަރު ޤަޟިއްޔާގައި ނިންމެވި ނިންމެވުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގާނީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކަށައަޅުއްވާފައި އޮތް އުޞޫލާއި، ޕީ.ޕީ.އެމްގެ އަސާސީ ގަވާއިދާ ޚިލާފުވާތީ، އެނިންމުން ބާޠިލް ކުރަން އެދި ހުށަހެޅި މައްސަލައިގައި، އެނިންމުން ބާޠިލުކޮށްފިނަމަ، ޕީ.ޕީ.އެމްގެ ޢާންމު ޖަލްސާއެއް ބާއްވާ، އެޢާންމު ޖަލްސާއާއި އެޖަލްސާއިން ނިންމާ ނިންމުންތައް ބާޠިލުވާނެތީ، ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޢާންމު ޖަލްސާއެއް ބާއްވައިފިނަމަ، އިޢާދަ ނުކުރެވޭނެ މާލީ އަދި މަޢުނަވީ ގެއްލުން ޕާޓީއަށް ކުރިމަތިވާނެތީ، މިމައްސަލައިގައި ގޮތެއް ނިންމެންދެން ޕާޓީގެ ޙަރަކާތްތަކާއި، ޢާންމު ޖަލްސާތައް ބޭއްވުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ފެންނަ ކަމަށެވެ.
މިއަމުރު ނުނެރެފިނަމަ، ޕީ.ޕީ.އެމްގެ ޖަލްސާއެއް ބޭއްވުމަށް އެތައް ޚަރަދެއް ހިނގާނެ ކަމަށާއި އެހައި ބޮޑު ޚަރަދެއް ހިނގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް، އެއީ، މިމައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު، ޣައިރު ޤާނޫނީ ނިންމުންތަކަކަށް ވެއްޖެނަމަ، އެތައް ހާސް ބައެއްގެ ވަގުތާއި، ފައިސާ، އިޢާދަ ނުކުރެވޭ މިންވަރަށް ގެއްލިގެން ދާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ވަގުތީ އަމުރަކަށް އެދިފައިވަނީ ސިވިލް ކޯޓުގެ 1586/Cv-C/2016 ނަންބަރު ޤަޟިއްޔާގައި ނިންމެވި ނިންމެވުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގާނީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކަށައަޅުއްވާފައި އޮތް އުޞޫލާއި، ޕީ.ޕީ.އެމްގެ އަސާސީ ގަވާއިދާ ޚިލާފުވާތީ، އެނިންމުން ބާޠިލް ކުރަން އެދި ހުށަހެޅި މައްސަލައިގައި، ސިވިލް ކޯޓުން ގޮތެއް ނިންމަވަންދެން، ޕީ.ޕީ.އެމްގެ ޢާންމު ޖަލްސާއެއް ނުބޭއްވުމަށް ޕީ.ޕީ.އެމްގެ ކައުންސިލަށާއި މުސްތަޝާރަށް އަންގާ އަމުރުކޮށްދިނުމަށް އެދިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް