ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަންތަކެއް ހޯދައި، ވެލިދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ކައްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 2017 ސެޕްޓެމްބަރ 26 ވަނަރޭގެ 01:10 ހާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުނެ އެވެ.
:މި އޮޕަރޭޝަނުގައި ނ. ވެލިދޫގެ އެކި ސަރަޙައްދު ބަލައިފާސްކުރިއިރު ނ. ވެލިދޫ އުތުރުފަރާތު ހޭޅިފަށުގައި އޮތް ލޯންޗެއްގެ ކައިރިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 3 ހަން ފެނިފައިވާއިރު ކޯޓުއަމުރެއްގެ ދަށުން ވެލިދޫ ގެއެއް ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ ދެ ހަމާއި ފަސް ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވެއެވެ." ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް