ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕޮލިސް ލެބަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފިއެވެ.
އެސް.ޓީ.އޯގެ ފަރާތުން މި ޕީ.ސީ.އާރް މެޝިން ފުލުހުންނާ ޙަވާލުކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރުއެވެ. އަދި ފުލުހުންގެ ފަރާތުން މި މެޝިނާއި ޙަވާލުވީ ހެޑް އޮފް ފޮރެންސިކް ސަރވިސަސް ޑައިރެކްޓޮރޭޓް ޢަބްދުﷲ އަޙްމަދެވެ. އެސް.ޓީ.އޯގެ ފަރާތުން ފުލުހުންގެ ފޮރެންސިކް ލެބަށް ހަދިޔާކޮށްފައިވަނީ ބައޯރެޑް ސީ.އެފް.އެކްސް 96 ބްރޭންޑްގެ މެޝިނެކެވެ.
ފުލުހުންގެ ފޮރެންސިކް ލެބުގައި ކޯވިޑް-19 ދެނެގަތުމަށްޓަކާ ހަދާ ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ. އަދި މި ޓެސްޓުތައް ހެދުމުގައި ފުލުހުންގެ ލެބުގައި ބޭނުންކުރަމުންދިޔައީ އެންމެ ޕީ.ސީ.އާރް މެޝިނެކެވެ. އެސް.ޓީ.އޯއިން ހަދިޔާކުރި މި މެޝިނާއެކު ފުލުހުންގެ ލެބުން ކޯވިޑް-19ގެ ސާމްޕަލްތައް ޓެސްޓްކުރުމުގެ ޤާބިލުކަން އިތުރު ކުރެވޭނެކަމަށް އެކުންފުނިން ދެކެއެވެ.
ޕޮލިސް ލެބަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރާ ފަތުރުވެރިން ކޮވިޑް 19 އަށް ޓެސްޓުކުރުމަށް ހަމަޖައްސާފައިވާ ލެބްތަކުގެ ތެރެއިން ލެބެކެވެ. އެ މެސިނުން ދުވާލަކު 145 ޓެސްޓު ހެދޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް