ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލެއަށް އަމާޒުކޮށް މުހިއްމު މަސައްކަތްތަކެއް ކުރަން ވިސްނަވާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހް ކުރުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލެއަށް އަމާޒުކޮށް މުހިއްމު މަސައްކަތްތަކެއް ކުރަން ވިސްނަވާފައިވާކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ފަރާތުން އަޅައިދޭ ކްރިކެޓް ސްޓޭޑިއަމް އާއި ކެންސަރ ހޮސްޕިޓަލްގެ މަސައްކަތް ވަނީ ފާހަގަކުރައްވައިފައެވެ.
ކުރިއަށް އޮތްތަނުގައިވެސް އިންޑިއާ ސަރުކާރުގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ހުޅުމާލެއަށް ލިބޭ ކުރިއެރުން ބަލައިގަންނަ ކަމަށާއި މިކަމުގައި ލިބެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ހުރިހާ ފަރާތްތަކަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، މިއީ ރައްޔިތުންނަށް ވަރަށް ބޮޑު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓަކަށް ނުވި ނަމަވެސް، އާންމުން އެއްވެ އުޅޭ ތަނަތަން ތަރައްގީ ކުރުމާއި، ހިތްފަސޭހަ ދިރިއުޅުމަކަށް މަގުފަހިވާ ގޮތަށް ހިންގޭ ކަންކަމަކީ މިސަރުކާރުގެވެސް، އަދި ހުޅުމާލޭގައި ދިރިއުޅޭ އެތައް ރައްޔިތުންނެއްވެސް ތަރުހީބު ދޭކަމެއް ކަމަށެވެ. މެންބަރު ނިޔާޒް ވިދާޅުވީ، މި ތަރައްގީ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައިވެސް އޮންނަ ކަމެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ހުޅުމާލެއަކީ މާލޭގެ ރައްޔިތުންގެ ތޮއްޖެހުމަށް، އަދި ފަސޭހަ ތަނަވަސް ދިރިއުޅުމެއް އުޅުމަށްޓަކައި ވަރަށް ރަނގަޅަށް ރޭވިގެން ހިނގާ އަވަށެއް. މިހިސާބަށް އައި އިރުގައި ވަރަށް ރަނގަޅު ރޭވުންތެރިކަމެއް އަދި ދުރުރާސްތާގެ ވިސްނުންތަކެއް ގެންގުޅެގެން ތަރައްޤީ ކުރަމުން އަންނަ ތަނެއް ހުޅުމާލެއަކީ. މިއަދު އަޅުގަނޑުމެންނަށް މިލިބޭ އެހީގެ ދަށުންވެސް އިރާދަކުރެއްވިއްޔާ މިކަމަށް އިތުރު ކުރިއެރުމަށް ލިބިގެން މިދަނީ." މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ، މިފަދަ މަޝްރޫއު ތަކަށް ހިންގޭ ހަރަދުތަކަކީވެސް، ކުރެވޭ މަސައްކަތަކީވެސް ބަލައިގަނެވޭ ކަންކަންކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނިޔާޒް ވަނީ، މިފަދަ މަޝްރޫޢު އެއް ހިންގޭ ކަމަށްޓަކައި ހުޅުމާލޭ ރައްޔިތުންގެ ނަމުގައި އަދި އަމިއްލަ ނަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއަށް އަދި އިންޑިއާ އެމްބަސީއަށް ޝުކުރު އަދާކުރައްވައިފައެވެ.
ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ސެންޓްރަލް ޕާކްގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނޭނެ ކަމަށާއި، ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެއިން ހެދޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ 8،993،614.88 ރުފިޔާގެ މަޝްރޫއުއެކެވެ. ފޮރިން މިނިސްޓްރީން ބުނީ، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއުއަށް 995،385.12 ރުފިޔާ ޙަރަދުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް