އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 10،522 މީހަކަށް ޖުމްލަ 43.6 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
އިންކަމް ސަޕޯޓު އެލަވަންސްގެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.
އިންކަމް ސަޕޯޓް އެލަވެންސް ދެނީ މާރޗު މަހުގެ އެކަކުން ފެށިގެން، ކޯވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށައި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަހުގެ 13ގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 10،522 މީހަކަށް ފައިސާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ވަކިވަކި ފަރުދުންގެ އަދަދަކީ 5440 އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.
މި އުސޫލުގެ ދަށުން އެންމެ ފުރަތަމަ އެލަވެންސް ދިނުމަށް ހުޅުވާލީ މި އަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހަށެވެ. އަދި މި އެލަވަންސަށް އެދުމުގެ ދެވަނަ ފިޔަވައްސަކަށް ހުޅުވާލީ މި މަހުގެ ތެރޭގަ އެވެ. ދެވަނަ ފިޔަވަހީގައި ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު މަހުގެ އެލަވަންސަށް އެދި ހުށަހެޅޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް