އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހްކޮށްފިއެވެ.
މި ޕްރޮޖެކްޓްތައް ފެށުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއުގެ ދަށުން ސެންޓްރަލް ޕާކްގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނޭނެ ކަމަށާއި، ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެއިން ހެދޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ 8،993،614.88 ރުފިޔާގެ މަޝްރޫއުއެކެވެ. ފޮރިން މިނިސްޓްރީން ބުނީ، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއުއަށް 995،385.12 ރުފިޔާ ޙަރަދުވާނެ ކަމަށެވެ.
މިއަދު ބޭއްވި ވަރޗުއަލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، 9.989 މިލިއަން ދިވެހި ރުފިޔާގެ މި ޕްރޮޖެކްޓްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ. މި 2 ޕްރޮޖެކްޓްވެސް ހިންގާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ.
މި ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް