2023 ވަނަ އަހަރުގެ އައިއޯއައިޖީ ފަސް ކުރުމުގެ ވިސްނުމެއް ގެންގުޅެން: މިނިސްޓަރު މަހުލޫފް

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަސް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގަ...

27 Aug 2020 | 07:22

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަސް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، މިހާރު ފެންނަ ފެނުމަށް ބަލާއިރު 2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ބާއްވާ މި ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖޭން މިދިޔަ އަހަރު ހޯދީ އޮލިމްޕިކް ކޮމިޓީ އާއި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށްގެންނެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ، އައިއޯއައިޖީ ބޭއްވުމުގެ މަސައްކަތުގައި ދެން ކުރިއަށްދާން ވިސްނާފައި އޮތީ އޮލިމްޕިކް ކޮމިޓީ އާއި ގޭމްސްގެ އޮގަނައިޒިން ކޮމިޓީއާ މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު ކުރިއަށްދެވޭނެ ގޮތްތަކެއް އެނގުމުން އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ މިނިސްޓީރިއަލް ކޮމިޓީ އަށް ހުށަހަޅައިގެން މީގެ އެންމެ ފަހުގެ ނިންމުންތަކެއް ނިންމާނެ ކަމަށެވެ.

"އަދިވެސް ނޭނގެ ދެއްތޯ މާދަން ވާނީ ކިހިނެއް ކަމެއް. އެ ހާލަތުގައި މި ތިބީ. ތަންކޮޅެއް ސާފުކޮށް އަޅުގަނޑުމެންގެ ކުރިމަގު ފެންނަ ހިސާބަށް ދިޔައީމަ ޑިޒިޝަނެއް ނެގޭނީ. އެކަމު 2023 ގައި އަޅުގަނޑަށް ހިއެއްނުވޭ ގައިމުވެސް މިކަން ކުރެވޭނެހެން. އަޅުގަނޑަށް ގަބޫލުކުރެވޭ އެންމެ އަވަހަށް ވެސް 2024 އާ ހަމައަށް ގޭމްސް ލަސްކުރުމުގެ ފުރުސަތު އޮތް ކަމެއް. އެއީ ދުނިޔޭގެ އެހެން ހުރިހާ ބޮޑެތި މުބާރާތްތަށް ވެސް ހަމަ އޮލިމްޕިކްސް ވެސް ދެއްތޯ އެ ދަނީ އެއް އަހަރު ފަހަތަށް ޖައްސާލަމުން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އެ ޖާގަ (އައިއޯއައީޖީ އަށް) ލިބިގެންދާނެކަމަށް،" މަހުލޫފް ވިދާޅުވި އެވެ.

އައިއޯއައިޖީގެ ބިޑް ރާއްޖެ އަށް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ ތަރައްގީގެ ޕްލޭންތެރޭގައި ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީކުރެވޭނެ ގޮތްތަކެއް ހުރުމުންނެވެ. އެ ގޮތުން އައިއޯއައިޖީ ބާއްވަން ތަރައްގީ ކުރަން ޖެހޭ ކުޅިވަރު އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކެއް މި އަހަރު ފަށަން ވެސް އޮތީ ތާވަލުކުރެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް