ސިލްސިލާ ވާހަކަ: ޒާރާ - ފަންސަވީސްވަނަ ބައި

ނާޒިމާ ނިކުމެގެންދިއުމާއެކު ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ގިސްލާ ރޮއިގަނެވުނެވެ. އުޑުތިލަމަތިން އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ޒާރާގެ ސިނކުޑިތެރޭގައި އެތަކެއް ޚިޔާލެއް އެއްފަހަރާ އެނބުރިގަތެވ...

27 Aug 2020 | 06:17

ނާޒިމާ ނިކުމެގެންދިއުމާއެކު ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ގިސްލާ ރޮއިގަނެވުނެވެ. އުޑުތިލަމަތިން އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ޒާރާގެ ސިނކުޑިތެރޭގައި އެތަކެއް ޚިޔާލެއް އެއްފަހަރާ އެނބުރިގަތެވެ. ބަޔަކު އުފާކޮށްދިނުމަށްޓަކައި ޒާރާގެ މުޅިއުމުރު ހުސްކޮއްލަންވީ ހެއްޔެވެ. ލޯބިނުވާ މީހަކަށްޓަކައި ލޯބިވާ މީހަކު ދޫކޮއްލަންވީހެއްޔެވެ. އާދިލްގެ ލޯބީގައި ކޮޅުފައިން ޖަހާފައި އެހެންމީހަކާ ޒާރާ ކައިވެނި ކުރަންވީ ހެއްޔެވެ. އާދިލަށްޓަކައި ޒާރާވީ ވައުދުތަކަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗަކަށް ހަދަންވީ ހެއްޔެވެ. އާދިލް ނޫން މީހަކާ ކައިވެނި ކުރާނެ ހިތްވަރެއް ޒާރާގެ ނެތެވެ. އާދިލް ނޫންމީހަކަށް ޒާރާ ލިބިގެން ނުވާނެކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި އެވަގުތު އޭނާގެ ހިތް ބުނަމުންދިޔައެވެ. މަތީގައި އެނބުރެމުންދިޔަ ފަންކާއަށް ޒާރާ ނަޒަރު ހުއްޓާލިއެވެ.

މަޑުމަޑުން އެނދުން ތެދުވިއެވެ. ދެލޯ ފޮހެލިއެވެ. އަލަމާރި ހުޅުވާލިއެވެ. ފަތްޖަހާފައިވާ ބެޑްޝީޓްތަކުގެ ތެރެއިން ތުނި ބެޑްޝީޓެއް ނެގިއެވެ. ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑި ދަމަމުން ފާންކާ އޮތްދިމާލަށް ގެންދިޔައެވެ.  ފަންކާ ސާފުކުރަން އެތައްފަހަރަކު ޒާރާ އެ ގޮޑީގެ ބޭނުން ހިފާފައިވާތީ ވަރަށް ފަރިތަކަމާއެކު ޒާރާ ގޮނޑިމައްޗަށް ކޮޅަށް ދެތުވިއެވެ. ފަންކާގައި ބެޑްޝީޓް އައްސާލިއެވެ. ލޮލުން ކަރުނައެއް ނާދެއެވެ. އެހެނީ މިވަގުތު ޒާރާގެ ސިކުނޑީގައި، އަމިއްލައަށް މަރުވުން ނޫން އެހެން ޚިޔާލެއް ނުވެއެވެ. ބެޑްޝީޓްގެ އެނެއްކޮޅު ކަރުގައި އައްސާލިއެވެ. ގޮނޑިން ތިރިއަށް ފުންމާލުމުގެ ވަގުތު ކުޑަތަން ވީއެވެ. ދެލޯ މަރާލެވުނެވެ. އެވަގުތު ޒާރާގެ ބައްޕަގެ މޫނު ޒާރާއަށް ސިފަކުރެވުނެވެ. އެ ބައްޕަ ޒާރާ ދެކެ ލޯބިވާ މިންވަރު އިހްސާސް ކުރެވުނެވެ. ޒާރާ މަރުވެއްޖެނަމަ އެ ބައްޕަ ކުރާނެ ހިތާމައާއި ރޯނެ ރުއިން ހިތަށް ގެނެވުނެވެ. ބައްޕަ އަކަށް އެ ހިތާމައަށް ކެއްކުރުމުގެ ހިތްވަރު ބައްޕަގެ ހަށިގަނޑުގައި ނުހުންނާނެ ކަން އެންމެ ރަނގަޅަށް އެނގެނީ ޒާރާ އަށެވެ. ޒައިދު މަތިން ހަނދާންވިއެވެ. ޒައިދު ދެރަވެ، ރޯނެވަރު ހިތަށް ގެނެވުމާއެކު ތުރުތުރު އަޅައިގަތެވެ. ފައިން ބާރު ދޫވާހެން ހީވާން ފެށިއެވެ. ބޮލަށް އެނބުރުން އަރާހެން ހީވާންފެށިއެވެ. ދަންޖެހިފައި އޮންނައިރު އޭނާގެ އަމިއްލަ ހަށިގަނޑުގައި އަޅާނެ ވޭން ހިތަށް ވެރިވެގެންފިއެވެ. އަމިއްލަ ލޮލަށް އެމަންޒަރު ސިފަވާންފެށިއެވެ.

ޒާރާ ލޯ ހުޅުވާލިއެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. ކަރަށް ވައްޓަލާފައިވާ މަޅިގަނޑު ކަރުން ނައްޓާލުމަށްފަހު ދުރަށް ހޫރާލުމަށްފަހު އަރާހުރި ގޮނޑިން ފުންމާލިއެވެ. މަޑުމަޑުން ހިނގާފައިގޮސް އެނދުގައި އޮށޯވެލިއެވެ. ގިސްލާ ރޮއެގަނެވުނެވެ. ކުރެވެން އުޅުނު ކަންތަކާމެދު ވިސްނާލުމުން ގައިން ހީބިހި ނެގިއެވެ. އެފަދަބޮޑު ފާފައެއް ކުރަން އުޅެވުނީތީ ބިރުގަތެވެ.

އެތައްއިރަކު ރުއިމަށްފަހު ޒާރާ ތެދުވިއެވެ. ފާހާނާއަށް ވަދެ ފެންވަރާލިއެވެ. ކުރެވެން އުޅުނު ބޮޑު ފާފައިން ސަލާމަތް ކޮށްދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރުކުރިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ފަރުވާތެރިކަމާއެކު ޒާރާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އެއީ ހަމަ ޒާރާއެވެ. އެމޫނު އެ ލޯގަނޑުން އެތައްފަހަރަކު ފެނިފައި ވިޔަސް މިހާރު ފެންނަގޮތް ތަފާތުކަމުގައި އޭނާއަށް އިހްސާސް ކުރެވުނެވެ. އެއްވެސް އުފާވެރިކަމެއް ނެތް މޫނެކެވެ. އުންމީދެއް ނެތް ދެލޮލެވެ. އެ ދެލޯވަނީ ގިނައިރު ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައެވެ. އެހެންނަމަވެސް މިހާރު އެލޮލުން ކަރުނަ ވަނީ ހިކިފައެވެ. ދެ ތުންފަތްވެސް ކުރަކިވެފައެވެ. ހިތްދަތިކަން ފިޔަވާ އެ މޫނުގައި އެއްވެސް އެއްޗެއް ނުވެއެވެ.

''ހާދަ ލޯބި މޫނެކޭ.... ތި ދެލޮލުން އަހަންނާ ދިމާލަށް ބަލާލާ ކޮންމެ ފަހަރަކު މި ހިތް ފުރި ބަންޑުންވާހާވޭ..... އަހަންނަށް މިލިބުނީ ކިހާ ލޯބި ކުއްޖެއް...މިއީ މަގޭ ލޯބިލޯބި ޒާ..'' ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އާދިލް އަބަދުވެސް ޒާރާއަށް ތައުރީފު ކުރެއެވެ. ޒާރާގެ ހިޔާލަށް އައީ އާދިލް އާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. އާދިލްގެ ކޮންމެ ބަލާލުމެއްގައި، ކޮންމެ ބީހިލުމެއްގައި، އަދި ކޮންމެ ލަފުޒެއްގައި އެކުލެވިގެންވަނީ އިންތިހާ ލޯތްބާ އޯގާތެރިކަމެވެ. މިހާރު އާދިލް ކޮބައިކަމެއް ، ވީ ކޮންތާކު، ކޮން ހާލެއްގައި ކަމެއް ޒާރާ އަކަށް ނޭނގެއެވެ. ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަންވެސް ޒާރާއަކަށް ނޭނެއެވެ. އެކަން ބެލޭނެ، އަދި ހޯދޭނެ އެއްވެސް މަގެއް ޒާރާއަކަށް ނުފެނުނެވެ. އެންމެފަހުން ޒާރާއަށް ކުރިމަތި މިވީ އެއަށްވުރެ ބޮޑު ހިތްދަތި ކަމެކެވެ. ކުރިމަތިލާން ޖެހިފައިވަނީ ދުވަހަކުވެސް ހުވަފެނުންވެސް ފެނިފައިނުވާ ފަދަ ކަންތައްގަނޑެކެވެ. ވޭތިކުރަން ޖެހިފައިވަނީ ހިތްދަތި، އުނދަގޫ ދުވަސްތަކެއްކަން ޒާރާއަށް އެނގެއެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑުން ފަޒާ ގުގުމާލައިފިއެވެ. ޒާރާ މުސައްލަ މަތީގައި އިނީ އެވަގުތަށް އިންތިޒާރު ކުރަން ކަހަލައެވެ. ނަމާދު ކުރުމަށްފަހު އެތައް ވަގުތެއް އޭނާ ސަޖިދައިގާ ހޭދަކުރިއެވެ. ގިސްލާރޮމުން އެތަކެއް އިރެއް ވަންދެން ﷲ ހަޟުރަތުގައި ދުޢާ ދެންނެވުމުގައެވެ. ކެތްތެރިކަން މިންވަރުކުރެއްވުން އެދިއެވެ. ރަނގަޅުގޮތް ވުމަށް އެދުނެވެ.

''ދަރިފުޅާ..........'' ބައްޕަގެ އަޑު އިވުމާއެކު ޒާރާ މުސައްލަ މަތިން ތެދުވިއެވެ. ފަތިސް ނަމާދުން ބައްޕަ އައީކަން ޒާރާއަށް އެނގުނެވެ. ހޭލާ އުޅުނަސް ބައްޕަ ނަމާދަށް ގޮވާނެއެވެ. ތެދުވިކަން ޔަގީން ކުރާނެއެވެ. އެންމެ ތުއްތު އިރުއްސުރެވެސް ނަމާދު ކުރުމަށް ބައްޕަ ބާރުއަޅައެވެ.

ދަރިފުޅާ..... ތެދުވޭ ނަމާދުކުރަން.....'' ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، ޒާރާގެ ހަބަރެއް ނުވުމުން ހާމިދު އަނެއްކާވެސް ގޮވާލިއެވެ. ޒާރާއަށް އޭނާގެ ބައްޕަ ގޮވާއަޑު ނީވެނީކީ ނޫނެވެ. އެހެންނަމަވެސް އޭނާއަކަށް ޖަވާބެއް ނުދެވުނެވެ. ރޭގަނޑު ހަތަރުދަމު ރުއިމުގެ ސަބަބުން އަޑުވަނީ ބެދިފައެވެ. ދޮރުހުޅުވައިފިއްޔާ ޒާރާގެ ދުޅަވެފައިވާ ދެލޯ ބައްޕައަށް ފެނިދާނެތީ ދޮރުހުޅުވާކަށް ޒާރާ ބޭނުމެއް ނުވިއެވެ. ބައްޕައާ ހަތަރުކަޅި ހަމަކުރުމަކީ މިވަގުތު ޒާރާއަށް ކުރެވޭނެކަމެއް ނޫނެވެ. ރޭގައި ހިނގާދިޔަ އެއްވެސް ކަމެއް ބައްޕަ އަށް އެނގޭކަށް ޒާރާ ބޭނުމެއް ނޫނެވެ. އޭނާގެ ލޯބިވާ ބައްޕައަށް ޒާރާގެ މަޖުބޫރީ ކައިވެނީގެ އެއްވެސް ކަމެއް އަންގާކަށް ބޭނުމެއް ނޫނެވެ. ބައްޕަ ހިތުގައި ޖެހޭނެތީއެވެ. ޒާރާ އޭނާ ބައްޕަގެ ބަލި ހިތަށް ކުޑަނަމަވެސް ހިތްދަތިކަމެއް ލިބުނަކަ ނުދޭނެއެވެ. ކޮންމެފަދަ ގުރުބާނީއެއް ވާން ޖެހުނުކަމުގައި ވީނަމަވެސްމެއެވެ.

''ހޭލައިފީމޭ ބައްޕާ....'' ޒާރާ ހަމަޖެހޭގޮތް ދައްކަމުން ދޮރާ ކައިރިވެލަމުން، ދޮރުކައިރީގައި ހުރި އޭނާގެ ބައްޕައަށް އިވޭވަރަށް ބުނެލިއެވެ.

ޒާރާ ކައިވެންޏަށް އެއްބަސްކުރުވުމަށްފަހު ސަރީފާއާއެކު ނާޒިމާ ރާވަމުން ދިޔައީ ކައިވެނީގެ ތައްޔާރީތަކެވެ. ނާޒިމާގެ ފަރާތުން ހާމިދަށާއި ޒައިދަށްވެސް އެނގިފައި އޮތީ ޒާރާ އިމްރާނާ ކައިވެނި ކުރަން ނުހަނު ގަބޫލު ކަމުގައެވެ. ދެއާއިލާއިން ވަމުންދިޔަ ތައްޔާރީތައް ނިމި ކައިވެނި ކުރުމުގެ ވަގުތު ޖެހިއްޖެއެވެ. ޒާރާއެކޭ ފުރާނަނެތް މަސްގަނޑެކޭ ތަފާތެއް ނެތެވެ. ކައިވެނީގެ މަޖިލިސް އޮތީ ސްކޫލް ހޯލުގައެވެ. ކައިވެނި ޕާޓީއަށް އެއްފަސްވެފައިވާ ސަރަހައްދުގެ ކުދިބޮޑު އެންމެނަށް ދައުވަތު ވަނީ ދެވިފައެވެ. އެހެންކަމުން ކައިވެނީގެ މަޖްލިސް ހިނގަމުން ދިޔައިރު އެތަނަށް އެއްވެފައިވާ މީހުންގެ އަދަދު ނުހަނު ގިނައެވެ.

''އަނބި ގަބޫލުކޮށްފިން'' އިމްރާން ޒާރާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަތްތިލަބަޑީގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް