އެސްޑީއެފްސީގެ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި

ކޯވިޑް-19 އާ ގުޅިގެން އެސްޑިއެފްސީން ނަގާފައިވާ ލޯންތަކަށް ދިން ލުއި އަހަރު ނިމެންދެން ދަންމާލައިފިއެވެ. އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވިދާޅުވީ، ކޮވިޑްއާ ގުޅިގެން އެސްޑީއެފްސީން ދޫކޮށްފައި...

27 Aug 2020 | 06:09

ކޯވިޑް-19 އާ ގުޅިގެން އެސްޑިއެފްސީން ނަގާފައިވާ ލޯންތަކަށް ދިން ލުއި އަހަރު ނިމެންދެން ދަންމާލައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވިދާޅުވީ، ކޮވިޑްއާ ގުޅިގެން އެސްޑީއެފްސީން ދޫކޮށްފައިވާ ލޯންތަކަށް ދީފައިވާ ލުއި މި އަހަރު ނިމެންދެން އެ މުއްދަތު އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިދޭން ނިންމާފައިވާތީ އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެހެން ބޭންކްތަކުން ވެސް މިފަދަ ބަދަލުތަކެއް މި ދަނޑިވަޅުގައި ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކުރީން ފަސްކޮށްދީފައިވާ ލޯނުތައް ދައްކަން ފަށަން ޖެހޭނީ އަންނަ މަހުގެ ފަހުކޮޅު ކަމަށް އެސްޑީއެފްސީ ގެމެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި 200 އަށްވުރެ ގިނަ ލޯނު ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކޯވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ދިމާވެފައިވާ ހީނަރުކަމުގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ލިބެމުން ދިޔަ އާމްދަނީ ކުޑަވެ ދިރިއުޅުމުގެ ހާލަތަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއްގެ ތެރެއިން ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ.

ހަމައެއާއެކު ކުރިން ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކުރެވޭނެ ގޮތަށް މޮރޮޓޯރިއަމް ސްކީމެއް ވަނީ ހަމަަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުން ދަނީ އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުން ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.

އެސްޑީއެފްސީން ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމި އިރު، އެޗްޑީސީން ވެސް ވަނީ އެ ކުންފުންޏަށް ދައްކަން ޖެހޭ ހުރިހާ ކުލިތަކަށް ދިން ލުއި އިތުރު ދެ މަހަށް ފަސްކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް