ގެސްޓުހައުސް ވިޔަފާރިތަކަށް އަލުން ހުއްދަދޭންވާ ވަގުތު ޖެހިއްޖެ: މިނިސްޓަރު މައުސޫމް

ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ގެސްޓުހައުސް ވިޔަފާރިތަކަށް އަލުން ހުއްދަދޭންވާ ވަގުތު ޖެހިއްޖެކަމަށް ސަރުކާރަށް ޤަބޫލު ކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއް...

27 Aug 2020 | 04:25

ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ގެސްޓުހައުސް ވިޔަފާރިތަކަށް އަލުން ހުއްދަދޭންވާ ވަގުތު ޖެހިއްޖެކަމަށް ސަރުކާރަށް ޤަބޫލު ކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ބަންދުކުރުމަށް "އެފޯޑެ"އް ނުކުރެވޭނެ ކަމަށާއި ކޮވިޑާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށެވެ. އަދި ގެސްޓް ހައުސް ދާއިރާ އަދިވެސް ނުހުޅުވޭ ކަމަށާއި އެސެކްޓާ އަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާ ކަމަށެވެ.

މިނިސްޓަރުު ވިދާޅުވީ، އެ މަޝްވަރާތަކުގައި މިހާރު ކުރިއެރުންތަކެއްވެސް ލިބިފައިވާ ކަމަށެވެ. އަދި ގެސްޓްހައުސްތައް އަލުން ހުޅުވާލުމުގެ ހުއްދަ ދޭންވާ ވަގުތު ޖެހިއްޖެކަން ސަރުކާރަށްވެސް ޤަބޫލު ކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ދަންނަވާކަށް ނެތް ކޮން ދުވަހަކުން ކަމެއް ހުޅުވޭނީކީއެއް، ސަރުކާރަށް ވިސްނޭ، ހިތުގެ އަޑިން ގަބޫލު ކުރޭ ގެސްޓް ހައުސްތައް ހުޅުވަން ވެއްޖެކަން. އެހެންކަމުން އެމަގަށް އަޅުގަނޑުމެންގެ ޕްލޭންތައް، މަޝްވަރާތައްވެސް މިހުރީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ތާރީހުތައް ލިބިގެންދާނެ،" މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފަތުރުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމުގައިވެސް ކުރިން ދަތިތަކެއް ހުރި ނަމަވެސް، މިހާރު އެކަމަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުން ސާމްޕަލް ގެނައުމާއި، ޓެސްޓު ހެދޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ޙާލަތު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެއްވޭ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާއާއެކު އެކުލަވައިލެވޭ ގައިޑްލައިންތައް ފުރިހަމައަށް އަމަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ކައުންސިލްތަކާއި ރައްޔިތުންގެވެސް އެއްބާރުލުމާއި ތާއީދު ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް