އޯގަސްޓު 17 ވަނަ ދުވަހު މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ކިޔަވާ ކުދިންނަށް އޭސް ޓްރެވަލްސްގެ ފަރާތުން ޚާއްސަ ޗާޓަރ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.
އަންނަމަހުގެ 17 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މެލޭޝިއާގެ ކުއާލަލަމްޕޫރަށް ބާއްވާ މި ޗާޓަރ ފްލައިޓް ބާއްވަނީ މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުންގެ އެދުމުގެ މަތީންކަމަށް އޭސް ޓްރެވަލްއިން ބުނެފައިވެއެވެ.
އޭސް ޓްރެވަލްސްއިން ބުނީ، ރާއްޖޭގައި ތިބި މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ މި ދަތުރުކުރުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ A320 މަރުކާގެ މަތިންދާ ބޯޓެއް ޗާޓަރކޮށްފައި ވާކަމަށެވެ. އަދި މި ފްލައިޓުން މެލޭޝިއާއަށް ދިއުމަށްޓަކާ ގާތްގަނޑަކަށް 70 ވަރަކަށް ދަރިވަރުން މިހާރުވެސް ޝީޓްބުކްކޮށްފައި ވާކަމަށެވެ.
މާލެއިން ކުއާލަލަމްޕޫރަށް ޗާޓަރ ފްލައިޓެއް ބާއްވަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން ލަންކާގައި ތިބި މެލޭޝިއާގައި ކިޔަވާ ދަރިވަރުންވެސް، ލަންކާއިން މެލޭޝިއާއަށް ސީދާ ދަތުރުނުކުރާތީ، މޯލްޑިވިއަންގެ ޗާޓަރ ފްލައިޓުން އެނބުރި ދާން ބޭނުންވެގެން، ޝަޢުގުވެރިކަން ފާޅުކުރަމުންދިޔަ ނަމަވެސް އެކުންފުނީގެ މައިގަނޑު ވިސްނުންހުރީ މި ފްލައިޓުން ދިވެހި ކިޔަވާ ކުދިންނަށް އިސްކަން ދިނުމަށްކަމަށްވެސް އޭސް ޓްރެވަލްސްއިން ބުނެއެވެ.
މި ފްލައިޓުން މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އޭސް ޓްރެވަލްސްއިން ވަނީ ހުޅުވާލާފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3336886 ނުވަތަ 7931334 އަށް ގުޅައިގެން އޮޅުންފިލުވުމަށް އޭސް ޓްރެވަލްސްއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް