ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިއްޖެ، އޭޗްޕީއޭގެ ވާހަކަތައް ރައްޔިތުން އަހައިފި: ޑރ. ޝީނާ

ރާއްޖެއިން ކޯވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް ވައިރާ ގުޅިގެން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝީނާ ވި...

27 May 2020 | 16:50

ރާއްޖެއިން ކޯވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް ވައިރާ ގުޅިގެން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝީނާ ވިދާޅުވީ ވައިރަސް އާންމުންގެ މެދުގައި ފެތުރެން ފެށި އިރު ޕޮސިޓިވްވަމުން އައި އަދަދަށް ބަލައި ހެދި ހިސާބުތަކަށް މިހާރު ބޮޑު ބަދަލެއް އައިސް، ލަފާ ކުރި އަދަދަށްވުރެ ބަލި ޖެހޭ މިންވަރު ކޮންޓްރޯލް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާ ބޮޑަށް ބަލި ކޮންޓްރޯލް ކުރެވިފައިވާ މައިގަނޑު ސަބަބަކީ ލޮކްޑައުން އާއި އެކު އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން އަމަލުކޮށްފައިވާތީ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ ދުނިޔޭގައި ހަލުވި ކަމާއި އެކު މި ބަލި ފެތުރެމުންދާ ގައުމުތަކުގައި ބަލީގައި ސީރިއަސް ހާލަތަށްދާ މީހުންގެ ޕަސެންޓޭޖަށް ބަލާއިރު ރާއްޖޭގައި އެ އަދަދު ވަރަށް މަދު ކަމަށެވެ. އެގޮތުން މިހާރު ލަފާ ކުރެވޭ ގޮތުގައި ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިން އައިޔޫއާއި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނީ ތިން ޕަސެންޓު މީހުންނަށެވެ.

މައިގަނޑު ސަބަބެއްކަމަށް ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ބައްޔަށް ޕޮސިޓިވްވަމުން ދަނީ ޒުވާން އާބާދީއަށް ވާތީ ކަމަށެވެ. ޕޮސިޓިވްވާ ބިދޭސީންނަކީވެސް އުމުރުފުރާއަށް ބަލާއިރު ޒުވާން އާބާދީގައި ހިމެނޭ މީހުންކަމަށް ވިދާޅުވި އެވެ.

ބަލި ކޮންޓްރޯލް ވެފައިވާކަން ފާހަގަ ކުރައްވާ ވާހަކަ ދައްކަވަމުން ޑރ. ޝިނާ ވިދާޅުވީ އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދިޔަ ބިދޭސީން ދިރިއުޅޭ ގިނަ ތަންތަން ކަރަންޓީން ކުރެވިފައިވުމަކީ އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ލޮކްޑައުންގައި ތިބެން ޖެހުމުން ވައިރަސްއަށް ޕޮސިޓިވްވާ ދިވެހިންގެ ފަރާތުންވެސް ގުޅުން ހުރި މީހުންގެ ގޮތުގައި ފާހަގަވެގެން ދަނީ ގިނަވެގެން ހައެއްކަ މީހުންކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ލޮކްޑައުންއަށް މާދަމާއިން ފެށިގެން ލުއި ދޭން ފަށާއިރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. ވަރަށް ބޮޑަށް އާންމުންގެ ފަރާތުން އެއްބާރުލުން ދީގެންނޫނީ މިހާރު ވައިރަސް ކޮންޓްރޯލްވެފައި އޮތް މިންވަރުގައި ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމުން އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އިޖްތިމާއީ ގައިދުރުކަމަށެވެ. އެކަން ރަނގަޅަށް ދެމެހެއްޓިއްޖެ ނަމަ މިގޮތަށް ބަލި ކޮންޓްރޯލްވެފައި އޮންނާނެކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަމަކު މާލޭގެ މާހައުލަށް ބަލާއިރު އެއީ ވަރަށް އުނގަދޫ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޑރ. ޝިނާ ވިދާޅުވީ މާލޭގައި އިޖްތިމާއީ ގައިދުރު ކަމާއި އެކު މަގުމަތީގައި އުޅެވޭނީ50 ޕަސެންޓު މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް