މިދިޔަ ހަފްތާގައި ކޯވިޑްގެ ހޭދަ ކުރީ ހަފްތާއަށް ވުރެ އިތުރުވެފައެއް ނުވޭ!

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ހަފްތާގައި ދައުލަތުން ކޮށްފައިވާ ހަރަދުތައް އޭގެ ކުރީ ހަފްތާއަށްވުރެ އިތުރުވެފައި ނުވާކަމަށް ހިސާބު ތަކުން ދައްކައިފި އެވެ. ކޯވިޑާއި ގުޅިގެން ދައުލަތުގެ ހަރަދުތައް އާންމ...

27 May 2020 | 09:59

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ހަފްތާގައި ދައުލަތުން ކޮށްފައިވާ ހަރަދުތައް އޭގެ ކުރީ ހަފްތާއަށްވުރެ އިތުރުވެފައި ނުވާކަމަށް ހިސާބު ތަކުން ދައްކައިފި އެވެ.

ކޯވިޑާއި ގުޅިގެން ދައުލަތުގެ ހަރަދުތައް އާންމު ކުރަން ކުރަންފެށީ މިމަހުން ފެށިގެންނެވެ. މިއީ ހަރަދުތަކުގެ ތަފްސީލް އާންމު ކުރި ތިން ވަނަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ކޯވިޑުގެ އެކި ކަންކަމަށް ދައުލަތުގެ އެކި އިދާރާތަކުން ޖުމްލަ 867 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ ހަފްތާއަށް އަށްވުރެ0.7 ޕަސެންޓު ދަށްވުމެކެވެ.

އެ ހަފްތާގައި ކޯވިޑަށް ހަރަދުކޮށްފައިވަނީ 873 މިލިއަން ރުފިޔާ އެވެ. މިދިޔަ ހަފްތާގައި ޖުމްލަ ހަރަދުން ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ މަދުވެފައި ވަނީ ކުރިން ގަންނަން ނިންމާފައިވާ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް އިކުއިޕްމެންޓްތައް ގަތުން ކެންސަލް ކުރުމުންނެވެ.

މި ހަފްތާގައިވެސް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކޯވިޑާއި ގުޅިގެން ހުރިހާ އޮޕަރޭޝަންތަކެއް ހިންގާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތް މިނިސްޓްރީން ނެވެ. އެގޮތުން އެންޑީއެމްއޭ އަށް 567.7 މިލިއަން ރުފިޔާ ހޭދަވި އިރު ހެލްތު މިނިސްޓްރީއާ ގުޅޭ ކަންކަމަށް 139 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި ދެ އިދާރާގެ އިތުރުން ޕްލޭނިން މިނިސްޓްރީން އާއި އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި އިިމިގްރޭޝަނާއި އައިޖީއެމްއެޗުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިދާރާ އަށް ކޯވިޑާއި ގުޅިގެން ހަރަދުކޮށްފައިވެ އެވެ.

ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ ހޭދައިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބައްޔަށް ޓެސްޓް ކުރުމާއި ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އާއި ބޭހަށެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ވެންޓިލޭޓަރު ހޯދުމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތަކަށެވެ.

ކޯވިޑް-19 އަށް މިހާރު ރާއްޖެއިން1،457 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެތެރެއިން ބަލިން ރަނގަޅުވީ232 މީހުންނެވެ. ފަސް މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް