ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ހުޅުވާލި މައިގްރެންޓް ރިލީފް ފަންޑަށް މިހާތަނަށް އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ޖަމިއްޔާގެ ރައީސް ރައީސް އަލީ ނާޝިދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އޭނާ ވިދާޅުވީ މި ފަންޑަށް މިހާރު އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މި ފައިސާ ބޭނުން ކުރަނީ އެ ފަރާތްތަކަށް ކާންދިނުމަށާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އެ ފަރާތްތަކަށް މިހާތަނަށް 84 ހާސް މީލް ޕެކް ފޯރުކޮށްދީފައިވާއިރު 127 ގެއަކަށް އަދި އިތުރު ދެ ޝެލްޓާއަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާނެ ކަމަށެވެ.
ކޯވިޑް-19 ގެ މި ހާލަތުގައި ފްރަންލައިންގައި އެ ޖަމިއްޔާއިން މަސައްކަތްކުރަމުން އަންނައިރު ނާޝިދު ވިދާޅުވީ ދުވަހެއް ދުވަހަކަށް ކުރަންޖެހޭ މަސައްކަތް އަންނަނީ އިތުރުވަމުން ކަމަށެވެ. އަދި އެހީއަށް ބޭނުންވާ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ.
"އޮގަނައިޒްޑް ގޮތެއްގައ ބަރާބަރަށް ސާވިސް ދެވޭތޯ ބަލަމުން މިދަނީ" އޭނާ ވިދާޅުވިއެވެ.
އެ ޖަމިއްޔާގެ އެއްވެސް ވޮލަންޓިއަރަކު ނުވަތަ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭތޯ ޕީއެސްއެމް އިން ކުރި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވައެވެ.
ވިދާޅުވީ ވޮލަންޓިއަރުންގެ ތެރޭން މާގިނަ ބަޔަކު، ކަރަންޓީނު ކުރުމާ ހަމައަށް ނުދާ ކަމަށެވެ. އަދި ކަރަންޓީނަށް ދިޔަ ފަރާތްތައްވެސް މިހާރު އެނބުރި މަސައްކަތަކަށް ނިކުމެފައިވާކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ރެސްޕޯންސް ޓީމްތައް ޕީޕީއީ ފުލް ޕްރޮޓެކްޝަން ގިއަރ ގަ އެންމެ ވަލްނަރަބަލް ތަންތަނަށް ދާނީ، ކާބޯތަކެތި ފޯރުކޮށްދޭއިރު ބޭރުގަ އެފަރާތަކަށް ނެގޭނެހެން ބޭރުގަ ބަހައްޓާނެ، އެފަދަ ކަންކަމުގައި އުޅޭ ވޮލަންޓިއަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރަނީ" އޭނާ ވިދާޅުވިއެވެ.
އެ ޖަމިއްޔާއިން ސައިކޮލޮޖިކަލް ސަޕޯޓްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. ގުޅޭނެ ނަމްބަރަކީ 1425 އެވެ. މި ނަމްބަރަކީ 24 ހިދުމަތް ލިބޭނެ ނަމްބަރެއްކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
ޖަމިއްޔާގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ވޮލަންޓިއަރުންގެ ތެރޭގައި ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ދާއިރާތަކުގެ ބިދޭސީންވެސް ބައިވެރިވާއިރު އެއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އެގޮތުން ބިދޭސީންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގައި އެއީ ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ބިދޭސީންނަށް ހިދުމަތް ދިނުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައެއް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ކަންޑީޝަން ކަމަށެވެ. އެ ކަންޑީޝަން ރަނގަޅުކުރަންޖެހޭކަން ފާހަކުރައްވާ އޭނާ ވިދާޅުވީ އެއީ އިންސާނުން ދިރިއުޅެން ހެޔޮވާވަރު ތަންތަނަށް އެމްޕްލޯޔަރުން ހަދަންޖެހޭ ކަމަށެވެ. އަދި އެއީ އެޑްރެސް ކުރަންޖެހޭ މައްސަލައެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ނާޝިދު އިތުރަށް ވިދާޅުވީ ވޮލަންޓިއަރުނާއި އެ ޖަމިއްޔާގެ މުވައްޒަފުން ކުރަމުން އަންނަނީ މިނާ ނުކިރޭނެ ވަރުގެ މަސައްކަތެއް ކަމަށާއި އާއިލާއާއި ދުރުގައި ކުރަމުން އަންނަ މަސައްކަތްތައް އެޕްރިޝިއޭޓްކޮށް ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން އެ ހިދުމަތްތަކާއިމެދު ވަރަށް އުފާވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް