ކޯވިޑު ފެތުރެމުން ދިޔަނަމަވެސް ގޮތް ނޭނގޭ މަރުތަކެއް އިތުރެއް ނުވޭ: ޑރ. އަފްޒަލް

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެމުން ދިޔަ ނަމަވެސް ގޮތްް ނޭނގޭ މަރުތައް މިއަހަރުގެ މިހާތަނަށް އިތުރުވެފައި ނުވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. އެ ސެންޓަރުން މިހެން ބު...

26 May 2020 | 20:57

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެމުން ދިޔަ ނަމަވެސް ގޮތްް ނޭނގޭ މަރުތައް މިއަހަރުގެ މިހާތަނަށް އިތުރުވެފައި ނުވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން މިހެން ބުނެފައި މިވަނީ ރޭ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންދިޔައިރު މަރުވެފައި އޮތުމުގެ އިތުރުން އެމީހާ ކޯވިޑަށް ޕޮސިޓިވްވެފައިވާ ދަނޑިވަޅެއްގައި އެވެ. އަދި މި ފަހަކަށް އައިސް ކުއްލި ގޮތަކަކަށް ފަސް ވަރަކަށް ބިދޭސީން މަރުވެފައި ވަނިކޮށެވެ.

އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ ތިން އަހަރެކޭ އެއްގޮތަށް މިއަހަރުގެ ފުރަތަމަ ފަސް މަހު މީހުން މަރުވެފައިވާ މިންވަރު ހުރީ ގާތްގަނޑަކަށް އެއް ހަމައެއްގައި ކަމަށެވެ. އެގޮތުން މީހުން މަރުވި އަދަދު އުޅެނީ މުޅި ރާއްޖެއިން150 އަށް ވުރެ ދަށުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު އާއި މިއަހަރު މީހުން މަރުވެފައިވާ އަދަދަށް ބަލައި ކޯވިޑާއި ގުޅިގެން މީހުން މަރުވުން އިތުރުވަމުންދާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި މިފަހަކަށް އައިސް މަރުވި މީހުން ކޯވަޑަށް ޓެސްޓު ކުރި އިރު ގިނަ މީހުން ކޯވިޑަށް ނެގެޓިވްވެފައިވާއިރު ކޯވިޑާއި ގުޅިގެން މަރު ރޭޓު އިތުރުވެފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީންގެ ތެރެއިން މިހާތަނަށް ކޯވިޑުގައި މަރުވި މީހުންގެ ފަރާތުން ތަފާތު ކަންކަން ފެނިގެން ގޮސްފައިވަނީ އެމީހުން ސިއްހީ ފަރުވާ ހޯދުމުގައި އަމަލު ކުރަމުންދާ ގޮތުން ކަމަށެވެ. އާންމުކޮށް ރޯގާ ޖެހި ހުން އަޔަށް ސިއްހީ ފަރުވާ ހޯދުމާއި ބިދޭސީން ވަރަށް ދުރު ކަމަށާއި އެމީހުން ސިއްހީ ފަރުވާ ހޯދަނީ ބަލީގައި އަމިއްލައަށް ކެތް ނުކުރެވޭވަރުވެ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަން އަމިއްލައަށް ކަށަވަރު ވުމުން ކަމަށެވެ.

އެންމެ ފުރަތަމަ ކޯވިޑްގައި މަރުވި ބިދޭސީ މީހާ މަރުވެފައިވަނީ ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރައި ފިޓު ޖެހިގެންނެވެ. އޭނާއަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔައީ ފިޓު ޖެހިގެންނެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ އެޑްމިޓްކުރާ މީހުން ޓެސްޓު ކުރާ އުސޫލުން ޓެސްޓު ކުރުމުންނެވެ.

ދެވަނައަށް އިއްޔެ ރޭ މަރުވި މީހާ މަގުމައްޗަށް ވެއްޓިފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވެ އެވެ. އެމިހާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ބައްޔަށް ޓެސްޓު ކުރީ މަރުވި ފަހުންނެވެ.

ޑރ. އަފްޒަލް ވިދާޅުވި ކޯވިޑަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ސީރިއަސް ހާލަތަކަށް ވަރަށް އަވަހަށް ގެންދާ ބައްޔެއް ކަމަށެވެ. އެގޮތުން މަރުވި ބިދޭސީންނަކީ މެދު އުމުރުގެ މީހުންނަށް ވެފައި ކުއްލިއަކަށް މަރުވީ އެމީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ ބަޔަކަށް ވެވަ ބަލީގެ ހާލަތު ސީރިއަސް ވަންދެން އެމީހުން ތިބުމުން ކަމަށް ވިދާޅުވި އެވެ.

އެހެންވެ ޑޮކްޓަރު ވަނީ ކޯވިޑްގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފައި އެވެ. އެއީ ފަރުވާ ދީގެން ބަލިން ސަލާމަތް ކުރެވޭނީ ދުރާލާ ފަރުވާ ދެވިގެން ކަމަށް ވާތީ އެވެ.

ރާއްޖެއިން މިހަތަނަށް ކޯވިޑްގައި ފަސް މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރެއިން މަރުވި ތިން ދިވެހިންނަކީ އުމުރުން ދުވަސްވީ އަދި ދިގު މުއްދަތަކަށް ސިއްހީ ފަރުވާ ހޯދަމުން ދިޔަ ބައެކެވެ. ދެން މަރުވި ދެ ބިދޭސީންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް