އުންމީދަކީ ޖަރީމާ ހިންގިބައެއް ހޯދައި، ފައިސާތައް ލިބުން: ދަނގެތީ ޖަމިއްޔާތަށް

އުންމީދަކީ ފަންޑު ފޮށި ވަގަށް ނަގައި ޖަރީމާ ހިންގިބައެއް ހޯދައި، އެ ފަރާތްތައް ކަމާބެހޭ ފަރާތަކުން އަވަހަށް ފިޔަވަޅުއަޅައި ވަގަށް ނަގާފައިވާ ފައިސާ ފަންޑަށް ލިބިގެން ދިއުންކަމަށް އދ ދަނގެތީ މަދަނީ ޖަމ...

27 Apr 2021 | 18:51

އުންމީދަކީ ފަންޑު ފޮށި ވަގަށް ނަގައި ޖަރީމާ ހިންގިބައެއް ހޯދައި، އެ ފަރާތްތައް ކަމާބެހޭ ފަރާތަކުން އަވަހަށް ފިޔަވަޅުއަޅައި ވަގަށް ނަގާފައިވާ ފައިސާ ފަންޑަށް ލިބިގެން ދިއުންކަމަށް އދ ދަނގެތީ މަދަނީ ޖަމުޢިއްޔާތަކުން ބުނެފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ރައްޔިތުންނާއި ގުޅިގެން ދަނގެތީގައި ބަހައްޓާފައި ހުންނަ ފަންޑު ފޮއްޓެއް ވަގަށް ނެގި މައްސަލައާ ގުޅިގެން ދަނގެތީ ފަސް ޖަމުޢިއްޔާ ކަމުގައި ވާ، ޖަމްޢިއްޔަތުލް ޤަލަމް، ދަނގެތީ މަސައްކަތްތެރިންގެ ޖަމުޢިއްޔާ، ޖަމްޢިއްޔަތުން އަންވާރިގެ އިތުރުން ޒުވާނުންގެ ކުލަބުގެ ފަރާތުން ނެރިފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ މި މައްސަލަ ހަމަ އެރޭ ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

އަދި ހަމަ އެރޭ، ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު، ހަލާކު ކޮށްލާފައިވާ ފަންޑްފޮށި ހޯދައި، ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާ ކަމަށް އެ ނޫސްބަނާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އެރޭ 12:15 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ ފަންޑު ފޮށީ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ފޮށި އެ ރަށު ފަޅު ގެއެއްގެ ތެރޭގައި އެއްލާލާފައި އޮއްވަ ފެނިފައިވާ ކަމަށެވެ.

ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާއިއެކު އަލުން ފަންޑްފޮށި ބެހެއްޓުމުގެ ނިޒާމު ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ދަނގެތީ މަދަނީ ޖަމުޢިއްޔާތަކުން ބުނެއެވެ.

ދަނގެތިން ވަގަށް ނެގި ފަންޑު ފޮށި ފެނުނު އިރު ފޮށި ފަޅާލައި އޭގައި ހުރި ފައިސާތައް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް