މަރްޙޫމް އިބްރާހީމް ރަޝީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ނައިބު ރައީސް ސޮއިކުރައްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި ކުރީގެ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހެންވޭރު ޒޮނޭރިއާ އަލްމަރް...

27 Apr 2021 | 17:58

ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި ކުރީގެ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހެންވޭރު ޒޮނޭރިއާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހެލްތް މިނިސްޓްރީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ނައިބު ރައީސް ފައިސަލް ނަސީމް ސޮއި ކުރައްވައިފި އެވެ.

މަރުހޫމް އިބްރާހިމް ރަޝީދު ރާއްޖޭގެ ހެލްތް މިނިސްޓަރުކަން ކުރެއްވީ 11 ނޮވެންބަރު 1968 ން 6 ޖަނަވަރީ 1977 އަށެވެ.  އިބްރާހިމް ރަޝީދު އަވަހާރަވީ މިދިޔަ ޖެނުއަރީ މަހުގެ 31 ދުވަހު އެވެ.

ނައިބު ރައީސްގެ އިތުރުން މި ދަފުތަރުގައި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވާފައިވެ އެވެ. އަދި ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނާއި މިހާރު އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އާއްމު ފަރާތްތައް ވަނީ މި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރުގައި ސޮއި ކުރން ހުޅުވާލާފައިވަނީ، މިމަހުގެ 25 ން 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ރެޔަކު 9:00 އިން 11:00 އަށް ހެލްތް މިނިސްޓްރީގައެވެ.

ތަޢުޒިޔާގެ ދަފުތަރު ހުޅުވުން ފަސް ކުރީ ކޯވިޑް-19ގެ ޙާލަތު އޭރު އޮތް ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އަދި މިހާރު ކޯވިޑް-19 އާއި ގުޅިގެން ގިނަ ލުއިތަކެއް ދެއްވައިފައިވުމާއެކު، ސޮއިކުރެއްވުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ޢަމަލުކުރުމަށް ހަމަޖައްސަވައިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް