ކުރީގެ މިނިސްޓަރު މަލީހު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަމަށް ނިންމައިފި

ދިވެހިރާއްޖޭގެ ފުރަތަމަ ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގައި ދައްކަވާފައިވަނީ އަސާސެއްނެތް ވާހަކަތަކެއް ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮ...

27 Apr 2021 | 10:30

ދިވެހިރާއްޖޭގެ ފުރަތަމަ ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގައި ދައްކަވާފައިވަނީ އަސާސެއްނެތް ވާހަކަތަކެއް ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

މަލީހުގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން ނިންމީ، މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ކަމަށާއި، ތަކުރާރުކޮށް ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރުދައްކަމުންދާކަމަށް ތުހުމަތުކުރެއްވުމުންނެވެ. އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ ވެސް އެކަމުގެ ސަބަބުން ކަމަށް މަލީހު އެ ދުވަހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރުނެތް ކަމަށް ފާސްކޮށް އޭނާ ވަކި ކުރުމަށްފަހު، އޭނާ ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ބަލަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފެށިއެވެ.

މިދިޔަ މާރިޗް މަހު މަލީހު ކޮމިޓީއަށް ހާޒިރުކުރުމުން ވެސް މަލީހު ދެއްކެވީ ހިޔާލުފާޅުކުރުމަށް ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ވާހަކައެވެ. އަދި ކޮމިޓީން ކުރި ސުވާލުތަކަށް ސީދާ ޖަވާބުދާރީވުމަށް އުޒުރުވެރިވި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެދުވަހު މަޖިލީހުގެ ތަޅުމުގައި ދައްކަވާފައި ވަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަން ކޮމިޓީގެ 6 މެމްބަރުންގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

އެހެންކަމުން އޭނާ މަޖިލީހަށާއި ކޮމިޓީއަށް ގަސްދުގައި އޮޅުވާލާފައިވާކަމަށް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.

އިމްތިޔާޒު ގާނޫނުގައި ވާގޮތުން ނަމަ މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި ކަމެއް އޮޅުވާލުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިންމަސް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ގާނޫނު ބުނެއެވެ.

ކޮމިޓީން ނިންމި ގޮތަށް ވޯޓަށް އެހުމަށް އަންގާރަ ދުވަހު ތާވަލްކޮށްފައިވާއިރު، ރިޕޯޓު މިގޮތަށް ފާސްކޮށްފިނަމަ މިކަން ވެގެންދާނީ ފަހުގެ ތާރީހެއްގައި ދައުލަތުގެ ވަޒީރުކަން ކުރެއްވި ބޭފުޅަކަށް އެފަދަ ދައުވާއެއް ކުރެވޭ ފުރަތަމަ ފަހަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް