މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ވެސް ބޭއްވުމަށް ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ފާސްކުރުމަށް ހުރި ބިލުތައް...

27 Apr 2021 | 10:26

ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ވެސް ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ފާސްކުރުމަށް ހުރި ބިލުތައް ގިނަކަމުން އެ މަސައްކަތްތައް ނިންމުމަށް ރޭގަނޑު ވެސް ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާކަން ރިޔާސަތުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީތަކުން މަސައްކަތްތައް ނިންމަވައި، ގިނަ ޢަދަދެއްގެ ރިޕޯޓްތައް ފާސްކުރުމަށް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ރިޕޯޓްތަކަކީ މި ދައުރުގައި ފާސްކުރުމަށް ކަނޑައަޅަފައިވާ ޤާނޫނުތަކެއްކަމަށެވެ. މި ދައުރު ނިމުމަށް ދެން މާގިނަ ދުވަސްތަކެއް ނެތުމުން ރޭގަނޑު ޖަލްސާތައް ބާއްވަވާނެކަމަށެވެ.

މަޖިލީހުގެ ހާޒިރީ ރޯދަމަހު މަދުކަމަށް ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ، މުހިއްމު ބިލުތަކުގެ މަޝްވަރާތައް ކުރިއަށްދާއިރު މެމްބަރުން ވަޑައިގެން ބަހުސްގައި ބައިވެރިންވުން މުހިއްމު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށްކަމަށެވެ. އެހެންކަމުން މި ދައުރު މިމަހުގެ ނިޔަލަށް ނިމޭނެއެވެ. އެއަށްފަހު އެއްމަސް ދުވަހުގެ ޗުއްޓީއަކަށް މެންބަރުން ވަޑައިގަންނަވާނެއެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށީ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މިއާއެކު މިއަދާ ހަމައަށް މި ދައުރުގައި ވަނީ 35 ޖަލްސާއެއް ބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް