ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރާއި ކުއާޓާފައިނަލްގެ ބުރު ނިމި މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ ފަށާނެވެ. އެގޮތުން ސެމީ ފައިނަލްގެ މެޗުތަށް މިރޭ ފަށާއިރު، މިރޭގެ މެޗަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ބޮޑު ރެއެކެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މިރޭ ރެއާލް މެޑްރިޑް އާއި ޗެލްސީ ބައްދަލުކުރާ މެޗަކީ ގިނަ ބަޔަކު ބަލާހިއްވާފަދަ ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗެއްކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.
ސެމީ ފައިނަލްގައި ސްޕެއިންގެ ގަދަ ބާރު އަދި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް ރެއާލް މެޑްރިޑް އާއި އިނގިރޭސި ވަރުގަދަ ބާރު ޗެލްސީގެ ކުރިމަތިލުން މިރޭ އޮންނައިރު، މިރޭގެ މެޗު ވަރަށް ގިނަ ގޮތްގޮތުން ޚާއްސައެވެ. މިރޭ ރެއާލް މެޑްރިޑް އަދި ޗެލްސީ ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ކުރިމަތިލުން ޚާއްސަ ވާ އެއްމެ ބޮޑު އެއް ސަބަބަކީ ދެ ޓީމުގައިވެސް ހިމެނޭ ހުނަރުވެރި އާދަޔާ ޚިލާފު ތަރިންނެވެ.
އެގޮތުން ގިނަ ބަޔަކު މި މެޗު ސިފަ ކުރަނީ ގިނަ ތަރިންތަކެއްގެ މެދުގައި ކުރެވޭ ވަރުގަދަ ހަނގުރާމައެއްގެ ގޮތުގައެވެ. އެގޮތުން ރެއާލް މެޑްރިޑަށް ބަލާލި ނަމަވެސް އަދި ޗެލްސީއަށް ބަލާލި ނަމަވެސް ފެންނަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިންތަކެކެވެ. ރެއާލް މެޑްރިޑަށް ބަލާއިރު، މިރޭގެ މެޗުގައި އެންމެ ފާހަގަކޮށްލެވޭ ދެކުޅުންތެރިންނަކީ ކެޕްޓަން ސާޖިއޯ ރާމޮސް، ކަމރީމް ބެންޒެމާ އަދި ފޯވާޑް އެޑެން ހަޒާޑްއެވެ. އަނެއް ކޮޅުން ޗެލްސީއަށް ބަލާއިރު ޒުވާން ހުނަރުވެރި ދެ ފޯވާޑުން ކަމުގައިވާ ޓިމޯ ވާނާ އަދި ޓެނީ އަބްރަހަމް އަދި ތަޖުރިބާކާރު ޑިފެންޑަރ ތިއާގޯ ސިލްވާ ފާހަގަކޮށްލެވެއެވެ.
ރެއާލް މެޑްރިޑް އަދި ޗެލްސީއަށް ބަލާއިރު، މި ދެޓީމަކީ ޔޫރަޕްގެ މުބާރާތްތަކުގައި މާ ގިނަފަހަރު ބައްދަލުކޮށްފައިވާ ދެޓީމެއް ނޫނެވެ. ޔޫރަޕުގެ ވާދަވެރި ބޮޑު މުބާރާތެއްގައި މިހާތަނަށް މި ދެޓީމު ބައްދަލުކޮށްފައިވަނީ އެންމެ ތިން ފަހަރުއެވެ. އެއީ 1971 ވަނަ ކުޅެވުނު ޔޫއެފާ ކަޕްވިނާސްކަޕްގައާއި 1998 ވަނަ އަހަރު ކުޅެވުނު ޔޫއެފާ ސުޕަކަޕްގެ ފައިނަލްއެވެ. ޔޫއެފާ ކަޕްވިނާސް ކަޕްގެ ދެ ލެގު ކުޅެވުނުއިރު، ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ލެގުން 1-2 އިން ރެއާލްގެ މައްޗަށް ކުރި ހޯދާފައިވަނީ ޗެލްސީންނެވެ. އަދި 1998 ވަނަ އަހަރު ކުޅެވުނު ޔޫއެފާ ސުޕަ ކަޕްގެ ފައިނަލް ގައި މި ދެޓީމު ބައްދަލުކުރި އިރު، މި މެޗުވެސް 0-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ތަށި އުފުލާލީ ޗެލްސީންނެވެ. އޭގެ ފަހުން މި ދެޓީމު ޔޫރަޕްގެ ވާދަވެރި މެޗެއް ކުޅެފައެއް ނުވެއެވެ. މިރޭ ކުޅޭ ޗެމްޕިއަންސް ލީގު ސެމީފައިނަލް މެޗަކީ 1998 ވަނަ އަހަރަށް ފަހު މި ދެޓީމު ކުޅޭ ވާދަވެރި ފުރަތަމަ މެޗެވެ. އަދި މި ދެޓީމުގެ ހަތަރުވަނަ ކުރިމަތި ލުމެވެ.
ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ރެއާލް މެޑްރިޑް އަދި ޗެލްސީ މިރޭ ބައްދަލުކުރާއިރު، މި ދެޓީމަކީވެސް ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ގިނަ ސެމީ ފައިނަލް މެޗުތަކެއް ކުޅެފައިވާ ދެޓީމެވެ. މީގެ ތެރެއިންވެސް ޔޫރަޕްގެ ބޮޑެތި ގިނަ މުބާރާތްތަކެއްގައި ސެމީއަށް ދަތުރުކޮށް އެންމެ ގިނަ ސެމީ ފައިނަލް މެޗުތައް ކުޅެފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން މިރޭގެ މެޗަކީ އެޓީމުން ކުޅޭ 30 ވަނަ ސެމީފައިނަލަށް ވާއިރު، މީގެ ތެރެއިން 16 މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި 13 މެޗުން ވަނީ ބަލިވެފައެވެ. މިރޭގެ މެޗަކީ ޗެމްޕިއަނަސް ލީގުގެ ތާރީޚުގައި ޗެލްސީ ކުޅޭ 16 ވަނަ ސެމީފައިނަލް މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.
ރެއާލް މެޑްރިޑް ސެމީފައިނަލްއަށް ދަތުރުކުރި ގޮތަށް ބަލާއިރު، އެޓީމު ސެމީއިން ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލްގައި އިނގިރޭސި ކުލަބު ލިވަޕޫލް ބަލިކުރުމަށް ފަހުގައެވެ. އަދި ޗެލްސީ ސެމީފައިނަލަށް ދަތުރުކުރީ ޕޯޗުގަލްގެ ޕޯޓޯ ބަލިކުރުމަށް ފަހުގައެވެ. ކޮންމެއަކަސް މި ދެޓީމު ބައްދަލުކުރި މެޗުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ކުޅުނު އެއްވެސް މެޗަކުންޗެލްސީގެ މައްޗަށް ރެއާލް މެޑްރިޑަށް ކުރި ހޯދިފަނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ރެއާލް މެޑްރިޑް އަދި ޗެލްސީ ބައްދަލުކުރާ ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ކުޅެން ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 12:00 ގައެވެ. މި މެޗު ކުޅޭވޭނީ ރެއާލް މެޑްރިޑް ގެ ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް