ބޮލީވުޑްގައި އެންމެ މަގުބޫލު ފިލްމުތައް އުފައްދާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންއިން ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ކާރްތިކް އާރްޔާން އެކު މަސައްކަތް ނުކުރުން ނިންމުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ހަބަރެކެވެ.
ކަން ހިނގާދިޔަ ގޮތުގެ ހަގީގީ މައުލޫމާތު މިހާތަނަށް ހާމަވެފައި ނުވައިރު ދަރްމާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން ކާރްތިކް އާއި އެކު މަސައްކަތް ކުރަން އެއްބަސްވެފައިވާ ފިލްމު “ދޯސްތާނާ 2” ގެ ކާސްޓުން ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކާރްތިކް އާއި އެކު ދެން އެ ކުންފުނިން މަސައްކަތް ނުކުރާނެ ކަމަށް ބުނެފަވެ އެވެ.
އެކަމުގެ ހަގީގަތް ހާމަވީ އިއްޔެ އެވެ. ކަރަން އާއި ކާރްތިކް އާ ދެމެދު ކުރެވުނު މުއާމަލާތްތައް އެނގޭ މީހަކު މީޑިއާގައި ބުނީ 2019 ވަނަ އަހަރު އިއުލާނު ކުރި ފިލްމު "ދޯސްތާނާ 2" ކުޅެން އޭރު ކާރްތިކް ސޮއިކޮށްފައިވަނީ 2-3 ކްރޯޑް ރުޕީސް އާއި ދެމެދުގެ އަގަކަށް ކަމަށެވެ. އެކަމަކު ކޯވިޑާއި ހެދި ފިލްމީ މަސައްކަތްތައް ހުއްޓާލުމަށް ފަހު މިދިޔަ އަހަރު މެދުތެރޭގައި އަލުން ފެށި އިރު ކާރްތިކްގެ ޑިމާންޑު ވަނީ ބޮޑުވެފަ އެވެ.
އެހެންވެ ކާރްތިކް ވަނީ ކަރަންއާއި ބައްދަލުކޮށް ފިލްމު ކުޅެދޭ އަގު 10 ކްރޯޑަށްވުރެ ބޮޑު ނުވާނެ ގޮތަށް ބޮޑު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ކަރަންއާ ކާރިކް އާ ދެމެދު އޮތް ގާތްކަމަށް ކަރަން ސަމާލުކަން ނުދޭން ފެށިި ހިސާބަކީ އެއީ ކަމަށް ވެ އެވެ.
އޭގެ ފަހުން ދަރްމާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރެއިން ކާރްތިކަށް ލީޑް ރޯލް ކުޅެން ދޭން ވާހަކަ ދެކެވިފައިވާ ދެ ފިލްމެއް އެހެން ތަރިންނަށް ދޭން ނިންމުމުން އޭނާ ވަރަށް ބޮޑަށް ރުޅިއައި ކަމަށް އެމީހާ ބުނެފައިވެ އެވެ. ކާރްތިކް ބޮޑަށް ހިތް ހަމަ ނުޖެހު ކަންކަމުގެ ތެރޭގައި އޭނާއަށް ދޭން ނިންމާފައި އޮތް ފިލްމެއް ޝާހިދު ކަޕޫރަށް ހުށަހެޅުމަށް ފަހު އޭނާ ގަބޫލު ނުކުރުމުންވެސް ކާރްތިކާއި ފިލްމާއި ގުޅޭ ގޮތުން ވާހަކަ ނުދެއްކުން ހިމެނެ އެވެ.
އެ ހިތްހަމަ ނުޖެހުންތަކުގެ ތެރޭގައި އުޅެނިކޮށް ކަރަން ވަނީ "ދޯސްތާނާ 2" ގެ ޝޫޓިން ފެށުމަށް ތައްޔާރުވެ އެކަން ކާސްޓަށް އަންގާފައި ކަމަށާއި ފިލްމުގެ މަސައްކަތަށް ނުކުންނަން އެންގުމުން ކާރްތިކް ވަނީ ކޯވިޑާއި ހެދި ރައްކާތެރި ނޫން ކަމަށް ބުނެ ޝޫޓިންއަށް ދާން ދެކޮޅު ހަދާ ބަހަނާ ދައްކާފަ އެވެ.
އެކަމަކު އެ މުއްދަތުގައި އޭނާ ސޮއި ކޮށްފައިވާ ފިލްމު "ދަމާކާ" ގެ ޝޫޓިން ނިންމާލުމުން އޭނާ "ދޯސްތާނާ 2"ގެ މަސައްކަތަށް ބަހަނާ ދައްކަމުން ދާކަން ފަޅާއެރީ ކަމަށްވެ އެވެ. އެންމެ ފަހުން ކާރްތިކް ބޭރު ކުރަން ކަރަން ނިންމީ 'ދޯސްތާނާ 2" ގެ މަސައްކަތަށް ނުކުންނާނީ ދަރްމާގެ ފިލްމުތަކުގެ ތެރެއިން ޝަރަމް ޝަރްމާ ޑައިރެކްޓު ކުރާ ކްރިކެޓް ފިލްމުގެ ލީޑްރޯލް ދިނުމަށް އެއްބަސްވުމުގައި ސޮއި ކުރުމުން ބުނުމުންނެވެ.
ފިލްމު “ދޯސްތާނާ 2” ގެއްލުމުން މިހާރު ކާރިތް އަތުގައި ކުރިޔަށް މަސައްކަތް ކުރަން އޮތީ އެންމެ ފިލްމެކެވެ. އެއީ ބޫޝަން ކުމާރް ޕްރޮޑިއުސް ކުރާ ފިލްމު “ބޫލް ބުލަންޔާ 2” އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް