ކޯވިޑް-19 ގައި ނުރައްކާތެރި ހާލަތެއްގައި އޮތް އިންޑިއާ ކޯވިޑްގެ ބަލިމަޑުކަމުން ސަލާމާތް ކޮށްދޭތޯ މުސްލިމުން މާތް ﷲގެ ހަޟުރަތުގައި ދުއާ ދެންނެވުމަށް އިންޑިއާގެ ސިޓީއެއްގެ ފުލުހުން އެދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެ އެވެ.
އެ ވީޑިއޯގައި ފެންނަނީ ކޯވިޑްގެ ނުރައްކާ ބޮޑުވެ ގިނަ ސްޓޭޓްތައް ލޮކްޑައުންކޮށްފައިވާ އިންޑިއާގެ ސިޓީއެއްގެ މަގެއްގައި މަތީގައި ފުލުހުންތަކެއް ހަރަކާތްތެރިވާ ތަނެވެ. އެތަނުން އެ ފުލުހަކު ދިޔައީ އަޑުގަދަ ކުރާ ބޭނުން ކޮށްގެން ކޯވިޑަށް ހޭލުންތެރި ކުރުމުގެ ތަފާތު ވާހަކަތައް ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ.
އެ ވާހަކަތަކުގެ ތެރެއިން އެ ފުލުސް މީހާ ބުނީ ރޯދަމަހުގެ ހެޔޮ އެދުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އެންމެހާ މުސްލިމުންނަށް ކިޔާ ކަމަށެވެ. އަދި އެމީހުން އެދެނީ އެ މުސްލިމުންގެ ރޯދައިގަ ބަރަކާތް ލެއްވުމަށް ކަމަށް ބުނެ އެވެ.
ހަމަ އެއާއެކު ވަރަށް އަދަބުވެރިކަމާއެކު ކޮރޯނާ އާހެދި އިންޑިއާ ރައްޔިތުން ހިތާމައާއި ހިތްދަތިކަމުގައި އުޅެ، އެތައް ބަޔަކު މަރުވަމުންދާއިރު ވައިރަހުން މިންޖު ކޮށްދެއްވާތޯ މާތް ﷲގެ ހަޟުރަތުގައި ދުއާ ދަންނަވައިދޭން އެދޭ ކަމަށެވެ.
މުސްލިމުން ކުރާ ދުއާ ވަރަށް އަވަހަށް އިޖާބަ ކުރައްވާ ވާހަކަ އަޑު އަހާ ކަމަށް އެ ފުލުސް މީހާ ބުނެ އެވެ. އަދި ހެޔޮ، އިހުލާސްތެރި ހިތަކުން މިކަމަށް ދުއާ ކޮށްދޭން އާދޭހާއި އެކު ފުލުސް މީހާ އެދެ އެވެ.
ކޯވިޑް-19ގެ އާ ވޭރިއެންޓެއް އިންޑިއާގައި ހަލުވި ކަމާއި އެކު ފެތުރެމުންދާއިރު ކޮންމެ ދުވަހަކު ދުނިޔޭގެ ރެކޯޑު އަދަދަކަށް މީހުންނަށް ކޯވިޑް ޖެހޭތާ މިހާރު ހަފްތާއެއް ވެއްޖެ އެވެ. އިންޑިއާގައި މިހާރު ކޮންމެ ދުވަހަކު ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހެމުންދާއިރު 2500 އަށްވުރެ ގިނަ މީހުން މަރުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް