ޓްރާންސްޕޯޓް މިނިސްޓަރު ކޮބައިތޯ؟ އާއި މިނިސްޓަރު ގަދަވެ ހެޔޮހާލުގައި އެބަހުންނެވިތޯ؟ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު (ވައްޑެ) އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީގެ އަރިހުން އައްސަވައިފިއެވެ.
ވައްޑެ އެހެން އެއްސެވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު ދިރާސާކުރަމުންދާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަޑައިނުގަންނަވާތީ އުފެދުނު ކަންބޮޑުވުންތަކާއެކުއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަމުން ވައްޑެ ވަނީ ޓްރާންސްޕޯޓު އޮތޯރިޓީ އުވާލުމުގެ މަޝްވަރާތައް ކުރެވެމުންދާއިރު ޓްރާންސްޕޯޓު މިނިސްޓަރު ހުންނެވީ ކޮންތާކުތޯ ސުވާލުކުރައްވާފައެވެ. އަދި ގަދަވެ ހެޔޮހާލުގައި ހުންނެވިނަމަ އޭނާގެ ވެދުން މިނިސްޓަރަށް ރައްދުކޮށްދެއްވުމަށް ވައްޑެ ވަނީ މިނިސްޓްރީގެ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ޓްރާންސްޕޯޓް މިނިސްޓަރު ކޮބައިތޯ؟ މިނިސްޓަރު ގަދަވެ ހެޔޮހާލުގައި އެބަހުންނެވިތޯ؟ ހުންނެވި ކަމަށްވާނަމަ އަޅުގަނޑުގެ ވެދުން" ވައްޑެ ވިދާޅުވިއެވެ.
ވައްޑެގެ މި ސުވާލުގެ ޖަވާބުގައި ޑެޕިޔުޓީ މިނިސްޓަރ ހަމަދު ވަނީ މިނިސްޓަރު ހުންނެވީ ގަދަކޮށް ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރުގެ ބަދަލުގައި މިނިސްޓްރީގެ އެހެން ބޭފުޅުންތަކެއް ވަޑައިގެންނެވީ މަޖިލީހުން ފޮނުވި ސިޓީގައި މިނިސްޓްރީގެ ބޭފުޅުންތަކެއް ވަޑައިގަތުމަށް އެދިފައިވާތީ ކަމަށްވެސް ހަމަދު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފައެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ކަނޑުދަތުރުފަތުރު ކުރުމާއި އެއްގަމު ދަތުރުފަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާއި އެ އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް