ދަނގެތީ މިސްކިތެއްގައި ބަހައްޓާފައިވާ 'ލޯތްބާއެކު' ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ރޭ 12:15 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ ފަންޑު ފޮށީ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ފޮށި އެ ރަސު ފަޅު ގެއެއްގެ ތެރޭގައި އެއްލާލާފައި އޮއްވަ ފެނިފައިވާ ކަމަށެވެ.
ފަންޑު ފޮށި ފެނުނު އިރު ފޮށި ފަޅާލައި އޭގައި ހުރި ފައިސާތައް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފަންޑު ފޮށި ވަގަށް ނަގާފައިވަނީ ރޭ އިޝާ ނަމާދު ވަގުތު މީހުން ނަމާދަށް ތިއްބަ އެވެ.
'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ދަނގެތީ މީހަކު ބުނެފައި ވަނީ، އެ ފަަންޑު ފޮއްޓަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ރައްޔިތުންނާއި ގުޅިގެން ދަނގެތީގައި ބަހައްޓާފައި ހުންނަ ފަންޑު ފޮއްޓެއް ކަމަށެވެ. އަދި މީގެ ކުރިން އެ ފޮށި ގެއްލުން ފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ބުންޏެވެ.
ފަންޑު ފޮށި ވަގަށް ނަގައި ފާޅާލައި ފައިސާތައް ވަގަށް ނަގާފައިވާއިރު މިހާރު މިސްކިތުގައި އެ ފޮށި ބަހައްޓަނީ ކޮންމެ ދުވަހެއްގެ ނަމާދު ގަޑިއާއި ދިމާކޮށެވެ. އެކަމަކު މީގެ ކުރިން ދުވާލުގެ ހުރިހާ ވަގުތެއްގައި އެ ފޮށި މިސްކިތުގައި ބެހެއްޓި ދުވަސް ވަރެއް ދިޔަ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް