ރާއްޖޭގައި އެންމެ ހަލުވި ކަމާއި ކޯވިޑް-19 ފެތުރެމުންދާ ކ. މާފުށީގައި ވައިރަށް ޕޮސިޓިވްވެގެން ކަރަންޓީން ކޮށްފައި ތިބި މީހުން އާންމު ތަންތަނަށް ނުކުންނަ މައްސަލަ ދިމާވަމުންދާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
މާފުށީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޕޮސިޓިވްވާ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު އެ ރޭޓު ދަށަށް ދާން ފަށާފައެއް ނުވެ އެވެ.
އެ ރަށު ސިއްހީ މަރުކަޒުން ބުނީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅައި އެކަންކަމަށް އަމަލު ކުރުމަށް އިލްމާސް ކުރުމުން އެކަމަށް ރައްޔިތުންގެ ބޯނުލަނބާ ނަމަ ފައިދާއެއް ނެތް ކަމަށެވެ. މަރުކަޒުން ބުނީ 24 ގަޑިއިރު މެދުކެނޑުމެއް ނެތި މާފުށީ ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތައް ލުޔެއް ލިބޭނީ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިގެން ކަމަށެވެ.
މާފުށި ސިއްހީ މަރުކަޒުން މިހެން ބުނެފައިވަނީ އެ ރަށުގައި ކޯވިޑް ޖެހިގެން ކަރަންޓީން ކޮށްފައި ހުރި މީހަކު މާސްކުވެސް ނާޅައި ބައިސްކަލުގައި އޭޓީއެމްއަށް ދިޔަ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މަރުކަޒުން ބުނީ އެމީހާ ގެއަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއި އެކު ކަމަށެވެ.
ޕޮސިޓިވް މީހުންގެ އަމަލުތައް އެހެން ހުރި ނަމަ މިކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގި ހިތާމަވެރި އެތައް ކަމެއް ދިމާވެދާނެ ކަމަށް ބުނެފައިވެ އެވެ. މާފުށިން އިއްޔެ ވަނީ އިތުރު 17 މީހުން ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.
މިއާ އެކު އެ ރަށުން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 161 އަށް އަރާފަ އެވެ.
މާފުށީ އާންމު ތަންތަނުގައި ރައްޔިތުންނާއި ޓޫރިސްޓުންގެ އިތުރުން ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާސްކު ނާޅައި އުޅޭ މައްސަލައިގަ މީގެ ކުރިން އެ ރަށު ކައުންސިލުންވެސް ކަންބޮޑުވުން ފާޅުކޮށްފަވެ އެވެ.
މާފުށީގެ އިތުރުން އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ އއ. މަތިވެރި އާއި ބ. އޭދަފުށީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް