ކޮވިޑުގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެ ގައުމުގެ މަހުޖަހުން ޕްރައިވެޓް ޖެޓްތަކުގައި ގައުމު ދޫކޮށް އެހެން ސަރަހައްދުތަކަށް ދަތުރުކުރަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން އިންޑިއާގެ ޕްރައިވެޓް ޖެޓް ކުންފުންޏަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަހުޖަނުން، އަދި ކިރިޔާ ނަމަވެސް ޕްރައިވެޓް ޖެޓެއް ކުއްޔަށް ނެގޭ ފެންވަރު ހުރި އެތައް ބަޔަކު އެ ގައުމު ދޫކޮށް ޔޫރަޕް، މެދު އިރުމަތި އަދި އިންޑިއާ ކަނޑުގެ ބައެއް ސަރަހައްދުތަކަށް ވަނީ ދަތުރުކޮށްފައެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ބޮލީވުޑް ތަރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ބޮލީވުޑް ގިނަ ތަރިންތަކެއް މިހާރުވެސް ދިވެހިރާއްޖެއަށް ދަތުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ ކޮވިޑު ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދުވާލަކު ތިން ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވާއިރު 2500 އަށްވުރެ ގިނަ މީހުން ދުވާލަކު މަރުވެއެވެ.
ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ. އޮކްސިޖަން ލިބުމުގެ ދަތިކަމަކީ މަރު ގިނަ ވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ހޮސްޕިޓަލްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް