ކުރުވާހަކަ: ޙަޔާތުން ޞަފްޙާއެއް

ލިޔުނީ: ޢާއިޝަތު ޢަޤީލާ އަހަރެންގެ އުމުރުން މިހާރު 27 އަހަރު ވަނީއެވެ. އަހަރެންގެ އުމުރުގެ އެންމެން މީހުންނާއި އިނދެ ދަރިން ތިބެއެވެ. އަހަރެން އަދިވެސް މީހަކާ ނީންނަނީ ކީއްވެތޯ ވަރަށް ގިނަ މީހުން ސުވާ...

27 Apr 2021 | 05:00

ލިޔުނީ: ޢާއިޝަތު ޢަޤީލާ

އަހަރެންގެ އުމުރުން މިހާރު 27 އަހަރު ވަނީއެވެ. އަހަރެންގެ އުމުރުގެ އެންމެން މީހުންނާއި އިނދެ ދަރިން ތިބެއެވެ. އަހަރެން އަދިވެސް މީހަކާ ނީންނަނީ ކީއްވެތޯ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. ފެންނަ ތަނަކުން ކޮބާ މީހަކާ އިންނާކަށް ނުވޭހޭ އަހާ ނުލާ ރައްޓެއްސެއް ނޫނީ ދަންނަ މީހެއް މަދުވާނެއެވެ. އާއިލާ މީހުން އެވަރަށް ޕްރެޝަރކުރެއެވެ. އަހަރެންގެ ޖަވާބަކަށް ވަނީ އަދި ވަގުތު ނުޖެހެނީ ކަމުގައެވެ. ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތު ޖެހުމުން ވާނެއެވެ. އެއީ އަބަދުވެސް އަހަރެން ޤަބޫލުކުރާ ވާހަކައެކެވެ. އެކަމަކު މިހާ ދުވަސް ވީއިރު އެ ބުނާ ވަގުތު އަދިވެސް ނުޖެހެނީ ބާއޭ އަހަރެންގެ ހިތަށް އަރައެވެ.

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. ޔާނިއު އާއި އަހަންނާ ދިމާވީ ކޮލެޖުންނެވެ. އެންމެ ފުރަތަމަ ކޮލެޖަށް ދިޔަ ދުވަހު އަހަރެން ކައިރީގައި އިނީ ޔާނިއު އެވެ. އެންމެ ފުރަތަމަ ވާހަކަ ދެއްކީވެސް އޭނައާއި އެވެ. އޭގެ ފަހުން އަހަރެމެން ދެމީހުންނަކީ ދެ ރަޙުމަތްތެރިންނެވެ. ކޮލެޖުގެ ފުރަތަމަ އަހަރު ނިމިގެން ދިޔައިރު އަރެމެން ދެމީހުންނަކީ ބެސްޓްފްރެންޑުންނެވެ. އެކަމާ ކޮލެޖު ކުލާސް ކުދިން ވަރަށް ދިމާކޮށްވެސް ހަދައެވެ. އަންހެނަކާ ފިރިހެނަކު "ބެސްޓްފްރެންޑަކަށް" ނުވާނެކަމަށް ބުނެއެވެ. އަހަރެމެން ދެމީހުން އުޅެނީ ރައްޓެހި ވެގެންނޭވެސް ކިޔާ ހަދައެވެ. އެހެން ބުނާނެތާއެވެ. ދެމީހުންނަށް ފިޔަވަޅެއް އަޅާލެވޭކަމަށް ވަނީވެސް އެކުގައެވެ. އެހެންނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އަހަރެމެން ދެމީހުން ސަމާލުކަމެއް ނުދެމުއެވެ.

ކޮލެޖުގެ ފުރަތަމަ އަހަރު ނިމުނު ދުވަސް ފާހަގަކުރަން ކުލާސް ކުދިން ޕާޓީއެއް ބޭއްވިއެވެ. ޕާޓީ ރޭވީ ޕްލަސްވަން އެއްވެސް ގެންދެވޭ ގޮތަށެވެ. އަހަރެން ޔާނިއުއަށް ގުޅާފައި އެއްވެސް މީހަކު ގެންދަންތޯ އެހީމެވެ. ޔާނިއު އެހެން މީހަކު ގެންގޮސްފި ނަމަ އަހަރެން އެކަނިވާނެތީއެވެ. ޔާނިއު އެއްވެސް މީހަކު ނުގެންދާނެ ކަމުގައި ބުންޏެވެ. ޕާޓީ ފެށިގެން އިރުކޮޅެއް ފަހެވެ. އަހަރެން ހުރީ ކުލާހުގެ އަންހެން ކުދިންތަކަކާއި އަނގަ ތަޅުވާށެވެ. ކުއްލިއަކަށް ފިރިހެން ކުދިންތައް ހަޅޭއް ލަވައިގަތް އަޑަށް އެންމެން އެއްފަހަރާ އެދިމާލަށް ބަލާލިއެވެ. ޔާނިއު ބޮޑު މާބޮނޑިއެއް ހިފައިގެން އަންހެން ކުދިން ތިބި ދިމާލަށް އަންނަނީއެވެ. އެތަނުން ކުއްޖަކު ނާޝް އަށް ޕްރޮފޯޒް ކުރަނީހޭ ކިޔާ ގޮވާލި އަޑު އިވުނެވެ. އަހަރެން އިވޭ ކަމަކަށް ނުހެދީމެވެ. އަހަރެން ހީކުރީ އަހަރުގެ ފަހު ދުވަސްކަމުން ޔާނިއު އަހަންނަށް މާބޮނޑިއެއް ދެނީ ކަމުގައެވެ. އެއީ ޕާޓީ ފެށުމުގެ ދެ ތިން ދުވަސް ކުރިން އަހަރެން މާ ބޮނޑިއެއް ވަރަށް ބޭނުމޭ ކިޔާފައި ޔާނިއު ގާތުގައި މަޖަލަކަށް ބުނެފައި އޮތީމައެވެ.

ނަމަވެސް ޔާނިއު އަހަރެން ފަސްދީފައި އަންހެން ކުދިން ތެރޭގައި ހުރި ހާމީ އާ ދިމާލަށް ދިޔައެވެ. އަދި ދެ ކަކޫ މައްޗަށް ތިރިވެ، މާ ބޮނޑި ދިއްކޮށްފައި އޭނައާއި ރައްޓެހި ވެދާނަންހޭ އެހިއެވެ. އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޔާނިއު ދުވަހަކުވެސް ހާމީގެ ވާހަކަ އަހަރެން ގާތުގައި ދައްކާފައެއް ނުވެއެވެ. ހާމީ އާ ދުވަހަކުވެސް ވާހަކަ ދެއްކިތަނެއް ފެނިފައެއްވެސް ނުވެއެވެ. ހާމީ އެކަންޏެއް ނޫނެނެވެ. އެއްވެސް އަންހެން ކުއްޖެއްގެ ވާހަކަ އަހަރެން ގާތުގައި ދައްކާފައެއް ނުވެއެވެ. އެކަމަކު ޔާނިއުގެ ކްރަޝްއެއް ހުންނަކަން އަހަންނަށްވެސް އެނގެއެވެ. ބެސްޓްފްރެންޑުންނަށް ވިޔަސް އެ މަޢުޟޫއަށް އަހަރެމެން ވާހަކަ ދައްކައެއް ނޫޅެމުއެވެ. ކުއްޖަކު ކަމުގޮސްފިނަމަ ޔާނިއުވެސް އަހަރެންވެސް ކިޔާލަމެވެ. ހާމީ ވަރަށް ތުއިކޮށް އުފަލުން އާނއެކޭ ބުންޏެވެ. އެންމެން އެދެމީހުންނާ ދިމާކޮށް މަރުޙަބާ ކިޔަންފެށިއެވެ. އަހަރެންގެ ބެސްޓްފްރެންޑަށް ވުމުން އަހަރެން ވާންވީ އުފާ ނޫން ހެއްޔެވެ؟ އެކަމަކު އަހަރެން އުފަލެއް ނުވެއެވެ. އަހަރެން ވީ ދެރައެވެ. ޔާނިއު އަހަންނަށް ދޮގު ހެދީމަ ހެއްޔެވެ؟ ނުނީ އެ މާބޮނޑި ހާމީއަށް ދިނީމަ ހެއްޔެވެ؟ އެއީ ޔާނިއުގެ އަމިއްލަކަމެކެވެ. އެހެންނަމަވެސް އެންމެ ގާތް އެކުވެރިޔާ ގާތުގައި ކުޑަމިނުން ބުނެލުން ރަނގަޅެއް ނޫން ހެއްޔެވެ.

އަހަރެންވެސް މޫނުމަތިން އުފާވެރިކަން ދައްކަމުން މަރުޙަބާ ކީމެވެ. އަހަރެން ހުރީ އެތަނުން ދާން ބޭނުންވެފައެވެ. އެގާރަ ޖެހުމުގެ ކުރިން ގެއަށް ވަންނަންޖެހޭތީ ޔާނިއު ގާތުގައި ގެއަށް ގެންގޮސް ދިނުމަށް އެދުނީމެވެ. ނަމަވެސް ޔާނިއުގެ ޖަވާބު އައީ މުޅިން އެހެން ގޮތަކަށެވެ. "އަޅޭ ސޮރީ ނާޝް. ހާމީ އާ އެއްކޮށް ދުއްވާލަން ދާން ބުނެވިފަ އޮތީ ކުރިން. ޓެކްސީ އެއްގަ ދާން ވީނުން؟" އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔާނިއު ހާމީއާ ވާހަކަ ދައްކަންފެށީ ކޮންދުވަހެއްގައި ހެއްޔެވެ؟ އަހަންނަކީ ޔާނިއުގެ ބެސްޓްފްރެންޑެއް ނޫން ހެއްޔެވެ؟ އާނއެކޭ ބުނެފައި އަހަރެން އެތަނުން ބޭރަށް ނިކުތީމެވެ. މިހާ ދުވަސް ވީ އިރު ދުވަހަކުވެސް ޔާނިއު އެގޮތަށް ކަންތައް ކޮށްފައެއް ނުވެއެވެ. ކިތަންމެ ބިޒީ ވިޔަސް އަހަރެން ބުނާ ކޮންމެ ގަޑިއެއްގައި އަހަރެން ބުނާ ކޮންމެ ތަނަކަށް ގެންގޮސް ދޭނެއެވެ. އޭނަގެ ކޮއްކޮމެން ނުގެންގޮސްވެސް އަހަރެން ގެންގޮސް ދޭނެއެވެ. އަހަރެންގެ މާގިނަ އެކުވެރިންނެއް ނުތިބެއެވެ. މިގަޑީގަ ބަލާ އަންނަން ގުޅާނީ ވެސް ދެން ވަކި ކާކަށް ހެއްޔެވެ. ބައްޕަގެ ފޯނު ވެސް އޮތީ ނިއްވާލާފައެވެ. އަހަރެން ޓެކްސީ އަށް އެކަނި އަރަން ވަރަށް ބިރުގަނެއެވެ. ޔާނިއު އަށް ވެސް އެކަން އެނގޭނެއެވެ. އެހެންނަމަވެސް އެހެން ގޮތެއް ނެތުމުން އަހަރެން ޓެކްސީ އެއްގައި ގެއަށް ދިޔައީމެވެ. އެރެއަށްފަހު ޔާނިއު އަހަންނަށް ގުޅާވެސް ނުލައެވެ. މެސެޖެއް ވެސް ކޮށްނުލައެވެ. އަހަރެން ދެރަވާންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ. ޔާނިއުގެ މެސެޖެއް ލިބޭތޯ އިންތިޒާރު ކުރެވެއެވެ. ހަފްތާއެއް ވޭތުވެގެން ދިޔައިރު ޔާނިއުގެ ޚަބަރެއް ނުވެއެވެ. އެހެން ނަމަވެސް ކޮލެޖު ވައިބަރ ގްރޫޕުގައި ޔާނިއު ވާހަކަ ދައްކައެވެ. އަހަރެން މެސެޖު ކުރުމުން ރިޕްލައި ނުކުރަނީ އެވެ.

އަހަންނަށް ސްކޯލަރޝިޕެއް ލިބިގެން ރާއްޖެއިން ބޭރަށް ތިން އަހަރަށް ފުރަން ޖެހުނެވެ. ޔާނިއުއަށް މެސެޖް ކޮށްފައި އެވާހަކަ ބުނީމެވެ. އަހަރެން ފުރާތީ ކުލާސް އެންމެން ފެއާރވެލް ޕާޓީއެއް ބޭއްވިއެވެ. ޔާނިއުވެސް ޕާޓީއަށް ދިޔައެވެ. ޕާޓީ ނިމިގެން ގެއަށް ދާން އުޅުތަނާ ޔާނިއު އަންނަތަން ފެނުނެވެ. "ނާޝް ބުނީމެއްނުން ރާއްޖެއިން ބޭރަށް އެކަނި ނުދާނަމޭ. ކީއްވެ ކުއްލިއަކަށް ދާން ނިންމީ؟" ޔާނިއު އަހަންނާ އަރާ ހަމަ ކޮށްފައި އަހާލިއެވެ. "އެންމެން އަބަދަކު އެއްގޮތަކަށް ނުތިބޭނެއްނުން. ޔާނިއު ވެސް ބިޓެއް ނެގިފަހުން ބެސްޓްފްރެންޑް ދޫކޮށްލީ ވިއްޔާ" އަހަރެން އެއްމިޔަނަކުން ހީލީމެވެ. "ކޮބާ ހާމީ؟ ކީއްވެ ނައީ މިރޭ؟" އަހަން ބޭނުންނުވެފައި ހުރެވެސް އަހަރެން އަހާލީމެވެ. "ހާމީ މަންމަ ބަލިވެ އުޅޭތީ ނާދެވުނީ. ހިނގާ ގެއަށް ލައިދޭނަން. ވަރަށް ލަސްވެއްޖެ ނުން." ޔާނިއު ބުނެލިއެވެ. ޔާނިއު މިއުޅެނީ ކޯއްޗެއް ސާބިތު ކޮށްދޭން ހެއްޔެވެ؟ ހާމީއަށް ފެނިއްޖެއްޔާ އަނެއްކާ އެދެމީހުން މައްސަލަ ޖެހިދާނެއެވެ. ކުލާސް ކުއްޖެއްގެ ފަރާތުން އަހަނަށް އެނގިފައި އޮތީ ޔާނިއު އަހަންނާ ވާހަކަ ދައްކަން ހާމީ އެހާ ހިތްހަމަ ނުޖެހޭކަމެވެ. "ނާޝް ޓެކްސީގަ ދާނީ" އަހަރެން ބުނެލީމެވެ. "އެކަމަކު ނާޝް ބިރުގަނެއެއްނުން ޓެކްސީއަށް އަރަން" ޔާނިއު ނުރުހުންވެފައި ބުނެލިއެވެ. "ބިރުގަތަސް ދާން ޖެހުނީމަ ދާނެ. ހަނދާންވޭތަ ކުލާސް ޕާޓީ އޮތް ރޭ؟ އެގާރަ ވެސް ޖެހިފަހުން ނާޝް ޖެހުނީ އެކަނި ދާން. މިހާރު ވެސް އެހެންވީމަ ދެވޭނެ" އެހެން ބުނެފައި އަހަރެން ޓެކްސީއެއް މަޑުކޮށްގެން ގެއަށް ދިޔައީމެވެ. ގެއަށް ދިޔަތަނާ ފޯނަށް މެސެޖެއް އައިސްގެން ބެލިއިރު ޔާނިއުގެ މެސެޖެކެވެ. އެރޭ ކަންތައް ވީގޮތަށް ސޮރީ އޭ ބުނެފައެވެ. އަދި އެއަރޕޯޓަށްވެސް ދާނެ ކަމުގައި ބުނެފައި އޮތެވެ. އަހަރެން ފުރުވަން ޔާނިއު އެއަރޕޯޓަށް ދިޔުމުން އަހަރެން އުފާވިއެވެ. އެހެންނަމަވެސް ހާމީ ޔާނިއު ގާތުގައި އަބަދުމެހެން ވިއްދާފައި ހުރުމުން ދެމީހުން ކުރިން އުޅޭގޮތަށް ސަކަރާތްޖަހާ އުޅޭކަށް ނުކެރުނެވެ. ފުލައިޓަށް އަރާ ފޯނު ބަލާލި އިރު ޔާނިއުގެ މެސެޖެއް އިނެވެ. ވަރަށް މިސް ވާނެ ކަމުގައެވެ. ތިމަންނަ ދޫކޮށްފައި ހަމަ ދިޔައީ ދޯ އޭ ލިޔެފައި އިނެވެ. އަހަރެން ހިނިގަނޑެއް ޖަހާފައި މިސް ވާނެ ކަމުގައި ބުނީމެވެ. ހާމީ އަށް ސަލާމް އޭ ބުނެފައި އަހަރެން ފޯން ނިއްވާލީމެވެ.

މިއަދު އަހަރެން ތިން އަހަރު ފަހުން މާލެ މިދަނީ އެ ދުވަހު ކުރެވުނު އުއްމީދެއް ހިތުގައި ބާއްވައިގެންނެވެ. ޔާނިއު ލިބޭނެކަމުގެ އުއްމީދުގައެވެ. ކޮލެޖުގެ ފުރަތަމަ އަހަރު ނިމުނު ޕާޓީއަށް ފަހު އަހަރެންނަށް ވިސްނުނީ އަހަރެން ޔާނިއު ދެކެ ލޯބިވާ ކަމެވެ. އެދުވަހު ކުލާސް ކުދިން ބުނީ ތެދެއްކަން މިއަދު އަހަންނަށް ވިސްނެއެވެ. އެހެންނަމަވެސް އަހަންނަކަށް އެހެން ބުނާކަށް ނުކެރުނެވެ. އެހެން ވިސްނާކަށްވެސް ބޭނުން ނުވީއެވެ. އަހަންނަށް އެކަން އިޙުސާސްވީ ކިޔަވަން ޔާނިއުއާއި ދުރުގައި ހުރި ދުވަސްވަރުއެވެ. ރާއްޖެއިން ބޭރުގައި ހުރި ކޮންމެ ދުވަހަކު ޔާނިއު މެސެޖް ކުރެއެވެ. ހަމަ އެކަނި ރަޙުމަތްތެރިއެއްގެ ގޮތުންކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން އުފާވިއެވެ. ޔާނިއު މެސެޖު ކުރާތީއެވެ. ރައްޓެހިންވެސް އަހަރެން ކުއްޖަކާ ރައްޓެހި ނުވާތީ ނުވަތަ މީހަކާ އިންނަން ނޫޅޭތީ ވަރަށް ސުވާލުކުރާނެއެވެ. އަހަރެން ހިނިގަނޑަކުން ފުއްދާލަމެވެ. އަހަރެން ހިތުގައި އަބަދުވެސް ޔާނިއު ކޮންމެވެސް ދުވަހަކުން އަހަންނަށް ލިބޭނެ ކަމުގެ އުއްމީދު އޮވެއެވެ.

އެއަރޕޯޓުގެ އެރައިވަލް އިން ނިކުތް އިރު ނާޝް ޖަހާފައި އޮތް ބޮޑު ބޯޑެއް ހިފައިގެން ޔާނިއު ހުއްޓެވެ. އަތުގައި މާބޮނޑިއެއް އޮތެވެ. އޭގައި ވެލްކަމް ބެކް ޖަހާފައި އިނެވެ. ޔާނިއު ފެނުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތްތެޅުނެވެ. އަދި ފުރަތަމަ ފަހަރަށް ޔާނިއުގެ ސްމާރޓްކަން އަހަންނަށް ފާހަގަވިއެވެ. "އެބައިން ސަޕްރައިޒެއް." ޔާނިއު ވަރަށް އުފަލުން ބުންޏެވެ. އަހަރެން ހީކުރީ ޔާނިއު އަހަންނަށް ސައިޕްރައިޒެއް ދެނީކަމުގައެވެ. "ކޮބާ ކޮބާ ސަޕްރައިޒް"؟ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. "އައިމް ގެޓިންގ މެރީޑް. ނެކްސްޓް ވީކްގަ." އަހަރެންގެ ފިޔަވަޅު ވަގުތުން ހުއްޓުނެވެ. ޔާނިއު އެވަރަށް މެސެޖުކޮށް ގުޅާ ހެދިއިރު ނުބުނީ ކީއްވެގެން ހެއްޔެވެ؟ ގައިމު ހާމީ އާ ރުޅިވެގެންވެސް އަހަންނަށް ގުޅާ ޝަކުވާކޮށްލިއެވެ. "އޯލް މޯސްޓް ހުރިހާ ކަމެއް ރެޑީ. ނާޝް އައީމަ ކުރަންވެގެން. އާފްޓަރ އޯލް އައި ނީޑް މައި ބެސްޓްފްރެންޑް" ޔާނިއު ހުރީ ވަރަށް އުފަލުންނެވެ. ޔާނިއު އުފަލުގައި ހުރުމުން އަހަރެންވެސް އުފާވާނެއެވެ. "ކާކާ އިންނަނީ؟ ޖިންނި ކުއްޖަކާ؟" އަހަރެން ކުޑަކޮށް ޖެއްސުން ކޮށްލީމެވެ. ޔާނިއު ހިނިގަނޑެއް ޖަހާލަމުން ހާމީ އޭ ބުންޏެވެ. "ވެއިޓް ވަޓް؟ ހާމީ؟" އަހަންނަށް ތަންކޮޅެއް ބާރަށް ސީރިއަސް ވެފައި އަހާލެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މީގެ އެއްމަސް ކުރިން ޔާނިއު މެސެޖުކޮށްފައި ހާމީ އާ ރުޅިވީކަމުގައި ބުނިއިރު އަހަރެން އުފާވީ އަހަރެންގެވެސް އަމިއްލަ އެދުމެއް އޮތީމައެވެ. ޔާނިއު ދެރަވެގެން އުޅުމުން އަހަރެން ވަރަށް ވާހަކަ ދެއްކީމެވެ. ޔާނިއު އޭގެ ފަހުން ބަރާބަރަށް ގުޅާ ހަދައެވެ. ޔާނިއުގެ ދުވާލާއި ރޭގަނޑުގެ ޝެޑިއުލް އަހަންނަށް ކިޔައިދެއެވެ. އޭގެ ފަހުން ހާމީގެ ވާހަކައެއް އަހަރެން ގާތުގައި ދައްކާފައެއްވެސް ނުވެއެވެ. އަހަރެންވެސް އަހަން ބޭނުން ނުވީއެވެ. ޔާނިއު އެވަރަށް ވާހަކަ ދައްކާ ގުޅާ ހަދަން ފެށުމުން އަހަންނަށް ހީކުރެވެން ފެށުނީ ޔާނިއު އަހަންނާ ގަޔާވާ ކަމުގައެވެ. އަހަންނަކީ އަސްލުވެސް ޔާނިއުގެ ބެސްޓްފްރެންޑް ބާއޭ އެވަގުތު އަހަރެން ހިތަށް އެރިއެވެ. ނޫނީ ޔާނިއު ފޫހިވުމުން ވާހަކަ ދައްކަން ހުންނަ މީހެއް ހެއްޔެވެ؟ އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާނިއުގެ ޙަޔާތުގައި އެހާބޮޑު ނިންމުމެއް ނިންމާއިރު އެބުނާ "ބެސްޓްފްރެންޑް" ގާތުގައި ނުބުނެވެނީ ހެއްޔެވެ؟ މީހަކު ދެކެ ލޯބިވުމަކީ އަހަރެމެންގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ލޯބި ނުލިބޭނެކަން އެނގޭ ހިސާބުން ދުރަށް ދިޔުމަކީ އަހަރެމެންގެ އަތްމަތީގައި އޮންނަކަމެކެވެ.ތަޤުދީރުގައި ލިބެންނެތް މީހެއްގެ ފަހަތުން އުޅުމުގެ ބޭނުމެއް ނެތްކަން އެވަގުތު އަހަންނަށް އިޙުޞާސް ވިއެވެ. އަހަރެންގެ ހިތް އެވަގުތުން ފެށިގެން ޔާނިއުއަށް ބަންދުކޮށްލީމެވެ.

ޚިޔާލީ ދުނިޔެއިން ނިކުމެވުނީ މަންމަ އައިސް އަހަރެންގެ ކޮޓަރީގައި ޓަކިޖެހުމުންނެވެ. "ދަރިފުޅާ ނާޝް. ޤާޟީން އަތުވެއްޖެ" މަންމަ އައިސް އެހެން ބުނުމުން އަހަރެން ކޮޓަރިން ނިކުންނަމުން ފަހުފަހަރަށް ލޯގަނޑުން އަހަރެންގެ ސޫރައަށް ބަލާލީމެވެ. އަހަރެންގެ ހިތެއް ބަދަލެއްނުވިއެވެ. އެކަމަކު ހިތާ ދެކޮޅަށް މިއަދު މިއުޅެނީ އަހަރެންގެ ޙަޔާތުގެ އެންމެ މުހިންމު ފިޔަވަޅު އަޅާށެވެ. ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނުއިރު އަހަރެން ގާތުގައި އިންނަން އެހި ކުއްޖަކާއި އިންނަން އެއްބަސްވީއެވެ. އެންމެ މީހަކަށްޓަކައި އުމުރު ހުސްކުރުމުގެ ބޭނުމެއް ނެތުމުންނެވެ. ޔާނިއު އަކީ ހަމައެކަނި އަހަރެންގެ އެކުވެރިއެކެވެ. ޔާނިއު ދެކުނީ އެގޮތަށެވެ. ލޯބި ވެވުނީ އަހަންނަށެވެ. ތިމާ ދެކެ ލޯބިވާ މީހަކާ އިނުމުން ލޯބިވާނެ ކަމުގައި އެންމެންވެސް ބުނެއެވެ. އަހަރެންވެސް އުއްމީދު ކުރަނީ އެހެންނެވެ. ޔާނިއުގެ ޞަފްހާ މުޅި އުމުރަށް އަހަރެންގެ ދިރިއުޅުމުން ފޮހެލަން ހިތުގައި ޢަޒުމް ކަނޑައަޅަމުންނެވެ.

ނިމުނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް