ހިނގަމުންމިދާ އޭޕްރީލް މަސް ފެށި، މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށްވެސް އިންޑިއާގައި ދުވާލަކު ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ހުރީ އެއް ލައްކައިގެ އަދަދެއްގައި ހިފެހެއްޓިފައެވެ. 15 އޭޕްރީލްގައި ދެ ލައްކައަށް، 21 އޭޕްރީލްގައި ތިން ލައްކައަށް އެރި ގޮތަށް އަދިވެސް އަދަދުތައް އެދަނީ މައްޗަށެވެ. މިހާރު އަދަދުތައް މިސްރާބު އެހެރީ ދުވާލަކު ހަތަރު ލައްކައާއި ދިމާއަށެވެ.
ލައްކަ ލައްކައިން ޕޮޒިޓިވް ވާއިރު މަރުވާ އަދަދު އެދަނީ ހާހުން ހާހުން މަތި ވަމުންނެވެ. ކުރިން މި ދެންނެވި ޓްރެންޑަށް ބަލާނަމަ 14 އޭޕްރީލް ހިސާބުގައި ދުވާލަކު މަރުވަމުންދިޔަ އަދަދު ހުރީ އެއް ހާހުގައެވެ. މިހާރު ދުވާލަމަކު މަރުވާ އަދަދު އެހެރީ 2700 އަށްވުރެ މަތީގައެވެ. ގާތްގަނޑަކަށް ކޮންމެ މިނެޓަކު ދެ މަރު އެދަނީ ރެކޯޑު ކުރެވެމުންނެވެ. މިއީ އަދި ރެކޯޑް ކުރެވޭ ތަފާސް ހިސާބެވެ. ރެކޯޑު ނުކުރެވި ކިތައް ޕޮޒިޓިވް ކޭސް، ކިތައް މަރު ވާނެތޯ މިއީ އެ ގައުމުންވެސް އުފައްދާ ސުވާލެކެވެ !؟
ސުވާލަކީ އިންޑިއާގެ ކޮވިޑު ހާލަތު ކުއްލިއަކަށް މިހާ ބޮޑަށް ގޯސްވީ ހަމަ ކުއްލިއަކަށް ހެއްޔެވެ؟ އިންޑިއާއިން ހެދީ ކޮން ގޯހެއް ހެއްޔެވެ؟
އިންޑިއާގައި ހުންނަ ޑަބްލިއުއެޗްއޯގެ އިސް ފަރާތެއް ސީއެންއެންއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އިންޑިއާގައި ޑަބްލިއުއެޗްއޯއަށް ނިސްބަތްވާ ދެ ހާހަށްވުރެ ގިނަ މުވައްޒަފުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ތިބި އިރު އެ ފަރާތްތަކުން ސަރުކާރަށް ދިޔައީ ފުލު ފުލުން އިންޒާރު ދެމުން ކަމަށެވެ. ނަމަވެސް ސިޔާސީ އެއްވުންތަކާއި ދީނީ އެއްވުންތަކާއި ފެސްޓިވަލްތައް ދިޔައީ ފާހަގަކުރަމުން ކަމަށެވެ. ކޮވިޑު އެއްވެސް ތާކަށް ދިޔައީ ނޫން ކަމަށާއި ނަމަވެސް އެންމެން ކޮވިޑު މަތިން ހަނދާން ނައްތާލައި މާ އަވަހަށް އާއްމު ހާލަތަށް ރުޖޫއާ ވީ ކަމަށެވެ.
"ކޮވިޑު ދިޔައީކީ ނޫން، ކޮވިޑު އޮތީ ފުރުސަތަކަށް ބަލަ ބަލާ، އެ ފުރުސަތު ފަހިވެގެންދިޔައީ މާސް ގެދަރިން ތަކުން، ހުޅުވާލެވިގެން ފުރުސަތު ދެވުނު ބޮޑެތި އެއްވުންތަކުން" އޭނާ ބުނެފައިވެއެވެ.
މިކަމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ބޮޑެތި ރެލީތަކާއި އިވެންޓްތައްވެސް ހިމެނެއެވެ.
އިންޑިއާގެ މިހާރުގެ ހާލަކީތޯއެވެ. ނިސްބަތުން ހިންދޫއިން ގިނަ އިންޑިއާގައި މީހުން މަރުވުމުން އޮންނަނީ އެންދުން ކަމުގައިވާއިރު މީހުން އަންދާ ތަންތާނގައި އަލިފާން ނިވޭ ވަގުތެއް ނުދެއެވެ. އެއް ހަށި އަޅިއަށްވާއިރު ގޭޓުން، ފުރާނަ ނެތް އިތުރު ދެތިން އިންސާނުން އެދަނީ ވައްދަމުންނެވެ.
އިއްޔެ މުޅި ދުނިޔެއަށް ވެކްސިން ބަހަމުންދިޔަ އިންޑިއާ މިއަދު ޖެހިފައިއެވަނީ އޮކްސިޖަނަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮކްސިންގެ އެތައް ޓްރިލިއަން ގެލަނެއް ފޮނުވަމުންދާއިރުވެސް، ބިޔަ ބޮޑު އިންޑިއާގައި އޮކްސިޖަން އުފައްދާ މިންވަރު އިންތިހާއަށް މަތި ކުރާއިރުވެސް އެދަނީ މަތަ ނުވެއެވެ.
ހޮސްޕިޓަލުތައް ފުރި ބާރުވެ، މަގުމަތީގައިވެސް އޮކްސިޖަން ދެމުންދާ މަންޒަރު އެ ދަނީ ފެންނަމުންނެވެ. ގޯސް ހާލަތު އެއް ސަހަރުން އަނެއް ސަހަރަށް އެދަނީ ފެތުރެމުންނެވެ. އިންޑިއާގެ ހައި ކޯޓުން ސިފަކޮށްފައިވާގޮތުގައި ކޮވިޑުގައި އިންޑިއާއަށް މިފަހަރު އައިސްފައިމިވަނީ ރާޅެއް ނޫނެވެ. ސުނާމީއެކެވެ.
ދެން ރާއްޖޭގެ އަދުގެ ހާލަތަށް ބަލައިލަމާތޯއެވެ. ހަމަ އިންޑިއާއިން ހެދި ގޯސްތައް އަހަރެމެންވެސް މިދަނީ ތަކުރާރު ކުރަމުންނެވެ.
ކޮވިޑަކާ ކޮވިޑެއް ކިޔާ ބޮޑު އިންތިހާބެއް ބާއްވާ ނިންމާލައިފީމުއެވެ. މުޅި ރާއްޖެ ހުޅުވާލެވިގެން ގެންދިޔަ އެ އިންތިހާބުގެ އަސްލު ނަތީޖާ މިހާރު ކޮވިޑުގެ އަދަދުތަކުން މިދަނީ ފެންނަމުންނެވެ.
އިއްޔެގެ އަދަދު 300 އިން މަތީގައި ހުރިއިރު، އަޅަމުން އެދަނީ ނުރައްކަލުގެ ރަނގަބީލެވެ. ދެމުން އެދަނީ ވަރުގަދަ އިންޒާރެކެވެ.
ވެކްސިން ޑްރައިވް ބާރަށް ގެންދިޔަ ނަމަވެސް، އެ އަދަދާ މި އަދަދާ އަރާ ހަމަކޮށް، ރާއްޖެއަށްވެސް ކޮވިޑުގެ ސުނާމީއެއްގެ އަތުވެދާނެ ކަމުގެ ބިރު މިވަނީ އުފެދިފައެވެ. މާލެއެކޭ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ރަށްރަށަށް ކޮވިޑު އެދަނީ ފެތުރެމުންނެވެ.
މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް އެވަރުގެ ސްކޭލެއްގައި ކޮވިޑު ފެތުރެން ފަށައިފިނަމަ އަހަރެމެން ދިވެހިންގެ ހާލު ވެއްޓޭނެ ހާލަތު ހިތަށް އަރުވާލުމުންވެސް ލޮލުން ކަރުނަ ހިލޭ ވަރުވާނެއެވެ.
އެހެން ނަމަވެސް ހިތާމައަކީ އަދިވެސް ލޯ ކުރިމައްޗަށް ފެންނަމުން އެދާ މަންޒަރުތަކުން އިބުރަތެއް ހާސިލު ކުރުމެއް ނެތި އަނެއްކާވެސް އިންތިހާބަކަށް ފަރިވަމުންދާ ދިއުމެވެ. ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އަޑެއް ބަޑެއް ނީވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް