މާންދޫ ކްލަސްޓާ: ކޮވިޑަށް ޕޮޒިޓިވް އަދަދު 55 އަށް

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ލ. މާންދޫން ފެށި، ގަމާއި މާންދޫގައި ފެތުރިފައިވާ ކޮވިޑު ކޭސްތަކުގެ އަދަދު 55 އަށް އަރައިފިއެވެ. މި އަދަދު 55 އަށް އަރާފައިމިވަނީ ކުރީ ދުވަހާ އަޅާބަލާއިރު އިއްޔެ އިތ...

27 Apr 2021 | 00:44

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ލ. މާންދޫން ފެށި، ގަމާއި މާންދޫގައި ފެތުރިފައިވާ ކޮވިޑު ކޭސްތަކުގެ އަދަދު 55 އަށް އަރައިފިއެވެ.

މި އަދަދު 55 އަށް އަރާފައިމިވަނީ ކުރީ ދުވަހާ އަޅާބަލާއިރު އިއްޔެ އިތުރު އެކަކު ޕޮޒިޓިވް ވުމުންނެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ ގަމު އަލަށް އާބާދުވި ސަރަހައްދަށް ނިސްބަތްވާ މީހެކެވެ. މިއީ މި ކްލަސްޓާގެ ކޭހެއް އަލަށް އާބާދުވި ސަރަހައްދުން ފެނުނު ފުރަތަމަ ފަހަރެވެ. ކުރިން މި ކްލަސްޓާގެ ކޭސްތައް ހުރީ ލ. މާންދުއާއި ގަމުގެ މުކުރިމަގު އަވަށުގައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ދަންވަރު ބުނެފައިވާގޮތުގައި މިހާތަނަށް 628 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެ ތެރެއިން އަދި ނަތީޖާ ނުލިބި 471 ސާމްޕަލެއް ވާކަމަށް ބުނެފައިވެއެވެ.

މާންދޫ ކްލަސްޓާގެ އަދަދު 55 އަށް އަރާފައިވާއިރު އިއްޔެއަކީ ރާއްޖޭގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި އިއްޔެ 328 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 167 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށް ރަށުން 127 މީހަކު ޕޮޒިޓިވް ވެފައިވާއިރު އިންޑަސްޓްރިއަލް/އެހެން ބޭނުންތަކަށް ބޭނުންކުރާ ރަށްރަށުން 24 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ހިންގަމުން އަންނަ ރިސޯޓްތަކުން 10 މީހަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް