ޒާރާ ހިތްވަރު ކޮއްފައި ހުރިހާ ވާހަކައެއް އިމްރާނަށް ކިޔާދިނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔައިރު އިމްރާނަށް އެތަށް އިހްސާސްތަކެއް ކުރެވުނެވެ. އޭނާ އެސްފިޔަވެސް ޖަހާނުލާ ޒާރާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނީ ގަޑުވެފައިވާ ބުދެއްފަދައިންނެވެ.
ކޮޓަރި ތެރޭގައިވާ ހަމަހިމޭން ކަމުގެ ތެރެއިން ޒާރާގެ މަޑު މަޑު ގިސްލުމުގެ އަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. ހިނދުކޮޅެއް އެގޮތުގައި ހޭދަވެގެން ދިޔައެވެ.
ކުއްލިއަކަށް އިމްރާން އެނދުން ތެދުވިއެވެ. ލައިގެން ހުރި އެއްޗިހި ބަދަލުކޮއްލުމަށްފަހު ފޯނާ ވޮލެޓް ނެގިއެވެ. އެތަކެތި ޖީންސްގެ ޖީބަށް ކޮއްޕާލަމުން ހަލުވި ފިޔަވަޅުތަކެއްގައި ދޮރާ ދިމާއަށް ހިނގައިގަތެވެ.
''އިމްރާން...........'' ބެދިފައިވާ އަޑަކުން ޒާރާ ގޮވާލިއެވެ. އިމްރާން ހުއްޓުވުމުގެ ބޭނުމުގައެވެ. އިމްރާން ދާން އެއުޅެނީ ކޮންތާކަށް ކަން އެނގެން ބޭނުންވާތީއެވެ.
ޒާރާގެ އަޑު އިމްރާނަށް އިވުނު ނަމަވެސް އެ އަޑު ނީވޭފަދައެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނައެވެ. ނުވިތާކަށް އެނބުރި ބަލާވެސް ނުލިއެވެ. އަވަސް ފިޔަވަޅުތައް އަޅަމުން ކޮޓަރިން ބޭރަށް އޭނާ ނިކުތެވެ. އިންތަނުން ތެދުވެގެން ޒާރާ ދުއްވައިގަނެވުނީ އެވަގުތުއެވެ. ކޮޓަރި ބޭރަށް ނިކުމެވުނު އިރު އިމްރާން އެޕާޓްމަންޓުން ނިކުންނަނީއެވެ.
''އިމްރާން............. މަޑުކޮއްބަލަ..............'' ލެއްޕެމުން ދިޔަ ދޮރުގައި ދެއަތުން ހިފާ ހުޅުވާލަމުން ޒާރާ ބޭރަށް ނިކުތެވެ. މޮޔަވެފައިވާ މީހަކުފަދައިން ދުވަމުންނެވެ. އެދިގޮތަށްގޮސް އިމްރާނާ އަރާ ހަމަކުރިއެވެ. އިމްރާނުގެ އަތުގައި ޒާރާއަށް ހިފަހައްޓާލެވުނެވެ. އިމްރާނަށް ހުއްޓެއް މަޖުބޫރު ވިއެވެ. އެ މޫނަށް ޒާރާ ބަލާލިއެވެ. އެހެން ނަމަވެސް އިމްރާން އޭނާއާ ހަތަރުކަޅި ހަމަކުރަންވެސް ބޭނުން ނުވާކަހަލައެވެ. އޭނާ ހުރީ ދުރު ބަލާށެވެ. އެންމެ ފަހަރަކުވެސް ޒާރާގެ މޫނަށް އޭނާ ބަލައެއް ނުލައެވެ.
''ކޮންތާކަށް.............. އަހަރެން ދެކެ ރުޅި އައުމުގެ ޙައްޤު އިމްރާނަށް އެބައޮތް........އެކަމަކުވެސް........... އަހަރެން ބޭނުން ނެތިއްޔާ ދޫކޮއްލިޔަސް ..............'' ޒާރާ އަށް ރޮވިއްޖެއެވެ. ރޮއިރޮއި ރަތްވެފައިވާ ދެލޮލުން ކަރުނަތައް ފައިބައިގެންފިއެވެ.
އެވަގުތު ޒިލީގެ ރުއިމުގެ އަޑުން މާހައުލުގައިވާ ހަމަހިމޭންކަން ފުނޑުފުނޑު ކޮއްލިއެވެ. ދެމީހުނަށް އެއްފަހަރާ އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ކަރުނަވީ ލޮލަކުން އިމްރާނުގެ ލޮލަށް ޒާރާ ބަލަން ހުރިއިރު، އެ ލޮލުން ފެންނަ އެއްޗެއް ދެނެގަންނަން އޭނާއަކަށް ފަސޭހައެއް ނުވިއެވެ.
ކަރުނައިން ފުރިފައިވާ ޒާރާގެ ލޮލަށް ބަލަން މާ ގިނައިރު ހުރުމަކީ އިމްރާނަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންކަމުން އެ މޫނުން ނަޒަރު ވަކިކޮއްލާ ގަސްދުގައި އޭނާ ދުރު ބަލާލިއެވެ. ޒިލީގެ ރުއިމުގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. އެއީ ޒާރާއަށްވެސް އަދި އިމްރާނުގެ ހިތަށްވެސް ތަކުލީފް ތަކެއް ލިބުނު ކަމަކަށްވިއެވެ. ދެމީހުން ވެސް ބޭނުންވަނީ އަވަސް އަވަހާ ޒިލީގެ ގާތަށް ދާށެވެ.
''ދޭ އެތެރެއަށް............. ޒިލީ ހުއްޓުވާ...........'' އެންމެ ފަހުން އިމްރާނަށް ކެތް ނުކުރެވިގެން ބުންޏެވެ. އަދި ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ލިފްޓާ ދިމާއަށް ހިނގައިގަތެވެ.
އިމްރާނު ލިފްޓް ތެރެއަށް ވަނެވެ. ދޮރު ލެއްޕެންދެން ޒާރާ ހުރީ ބަލާށެވެ. އޭރުވެސް އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނާދެއެވެ. ލިފްޓްގެ ޑިސްޕްލޭ ބޯޑުން ގްރައުންޑް ފުލޯ ދިއްލުނެވެ. އެހެންވީމާ އިމްރާން އެ ދިޔައީ ފަހުދާ ވާހަކަދައްކަން ނޫނެވެ. ޒާރާއަށް ހިންދިރުވާލެވުނެވެ. ޒާރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުހެން ހީވިއެވެ. އަވަސް އަވަހާ ދުއްވައިގަނެވުނީ ކޮޓަރިއާ ދިމާއަށެވެ. ޒިލީ އުރާލާ މޭގާ ޖައްސާލުމާއެކު ރުއިން ހުއްޓާލިއެވެ.
ޒިލީ މޭގާ ޖައްސާލައިގެން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށުނީ ހިތަށް ލިބިފައިވާ ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. މިޔޮއް ދަންވަރު އިމްރާން އެ ދިޔައީ ކޮންތާކަށް ބާވައޭ ހިތަށް އަރާވަރުން ކެތް ވަނީކީ ނޫނެވެ. އިމްރާނު އެދިޔައީ ޒާރާ ދެކެ ރުޅިއައިސްގެން ހެން ޒާރާއަށް ހީވަނީއެވެ. އޭނާ ދެން ކަންތައް ކުރާނީ ކިހިނެތް ބާވައޭ ޒާރާގެ ހިތަށް އެރާ ނަފުސު ކޮންޓްރޯލު ކުރަން ދަތިވަނީއެވެ. ހިތުގައިވަނީ އެތައް ހާސް ސުވާލެއް އުފެދިފައެވެ.
ކޮންއެއްޗެއް ވިސްނުނީ ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ޒިލީ އެނދުގައި ބޭންވުމަށްފަހު ބެލްކަންޏާ ދިމާއަށް ޒާރާ ދުއްވައިގަތެވެ. ބެލްކަންޏަށް ނިކުމެވެންހުރި ދޮރު ހުޅުވާލުމަށްފަހު އޭނާ ނިކުތެވެ. މަގުމަތި ފެންނަނީ ނުހަނު ފަޅުކޮށެވެ. އެވަގުތު އިމްރާނުގެ ކާރު މަގަށް ނެރުނުތަން ޒާރާއަށް ފެނުނެވެ. ޒާރާގެ ހަވަނަ ހިއްސު ދިން އިންޒާރާ އެކު އޭނާއަށް ތެޅިގަނެވުނެވެ.
އިމްރާނު އެދަނީ ފުލުސް އޮފީހަށް ކަމަށް ހީވެ ހިތުގައި ބިރުވެރި ރަނގަބީލެއް ޖެހެން ފެށިއެވެ. ޒާރާގެ ލޮލަށް މަންޒަރު ސިފަވެގެން ދިޔައެވެ. ފުލުސް އޮފީހަށް އިމްރާނު ހިނގައްޖެނަމަ ވާނެގޮތެވެ. އެ އާއިލާ ބަދުނާމު ވާނެ މިންވަރެވެ. އެހެންވެއްޖެނަމަ، ޒާރާ އާއި ފަހުދުގެ ނަން ނޫސް ތަކުގެ ފަލަ ސުރުޚީއަށް އަރާނެއެވެ. އެހެން ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ދެން ހަދާނެގޮތެއް ޒާރާއަކަށް ނުވިސްނުނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލައިގެންހުރެ ޒާރާ އެނބުރި ކޮޓަރިއަށް ވަނެވެ. ޒިލީ ގޮވައިގެން އެނދުގައި އޮށޯވެލިއެވެ. ބަނޑުހައިވެފައިވާ ކުޑަކުޑަ ޒިލީގެ ހައިކަން ފިލުވައިދިނުމަށް ޒާރާ އަވަސްވެގަތެވެ.
**********
ޒިލީ ނިންދަވަން އޮވެގެން ޒާރާ އިމްރާނަށް ގުޅިއެވެ. އެއްފަހަރަކު ނޫނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ގުޅިއެވެ. އިމްރާނު ފޯނަށް ޖަވާބެއް ނުދެއެވެ. ޒާރާ މެސެޖްވެސް ކުރިއެވެ. އެހެންނަމަވެސް ލިބުނީ އިތުރު މާޔޫސް ކަމެކެވެ. އެންމެ ފަހުން ޒާރާ ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު ލޯމަރާލިއެވެ.
ކުރިމަތިވާންއުޅޭ ތޫފާނުން ޒާރާ ސަލާމަތް ވާނެބާވައެވެ.؟........ އެ ތޫފާނުން ސަލާމަތްވާން ޒާރާ މަސައްކަތް ކުރަން ބޭނުމެވެ. އެހެންނަމަވެސް އޭނާގެ ހިތްވަރެއް ނެތެވެ......... އެތޫފާނުގެ ބިޔަ ރާޅުތައް ތެރޭ އޮޔާބެހިގެން އެގޮތް މިގޮތަށް ތެޅިތެޅި އޭނާ ވަރުބަލި ވެއްޖެއެވެ. ތޫފާނުގައި ޢަރަގުވެގެން ދިއުން ނޫންގޮތެއް އޮންނާނެބާވައެވެ.؟......... އާނއެކެވެ............
ހޮޅިލާ ނަގަމުން ދާ ރާޅުތަކުގެ ތެރެއިން އަމާން އައްސޭރިއަކަށް ޒާރާ ގެންގޮސްދެވޭނީ ހަމައެކަނި އިމްރާނަށެވެ.............އެކަމަކު އެއީ ކިހިނެތް ވާނެ ކަމެއް ހެއްޔެވެ؟........... މިފަދަ އެތައް ސުވާލުތަކަކުން ޒާރާ ގެ ސިކުނޑި ވަނީ ފުރިބާރުވެފައެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް ފަތިހު ފަހެއް ޖެހުމާ ގާތްވެއްވެއްޖެއެވެ. ޒާރާގެ ލޮލަކަށް ނިންޖެއް ނައެވެ. ގޭތެރޭގައި ދެކޮޅަށް ހިނގަ ހިނގާ ޒާރާ ވަރުބަލިވެއްޖެއެވެ. މިވަގުތުވެސް ޒާރާ އެހުރީ ބެލްކަނީގައެވެ. މަގުގެ ދެކޮޅު ހޯދާބެލުމުގައި އޭނަ އެތާ ހުނަންތާ އިރުކޮޅެއް ވެއްޖެއެވެ. އެއީ އިމްރާނު ގެއިން ނިކުތީއްސުރެ ޒާރާގެ ހާލެވެ. އެގޮތަށް، އިރުއިރުކޮޅާ ބެލްކަންޏަށް ނިކުމެ މަގުމަތި ބެލުނު އަދަދެއް ޚުދު ޒާރާއަށްވެސް ނޭނގެއެވެ. ޒާރާއަށް އެނގޭކަމަކީ އޭނާއަށް އެ އިންތިޒާރު ކުރެވެނީ އިމްރާނު ގެއަށް އަންނާނެ ވަގުތަކަށް ކަމެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑުން މުޅި މާލެ ގުގުމާލައިފިއެވެ. ފިނިވެފައިވާ ހަށިގަނޑުގައި އަމިއްލަ އަތުން ފިރުމާލަމުން ޒާރާ އެތެރެއަށް ވަނެވެ. މާޔުސްކަމާއެކުގައެވެ. އުންމީދު ގެއްލިފައިވާ އިންސާނަކުފަދައިން މޮޅިން މޮޅިސާލު ލައިގެންނެވެ. އެއްވެސް ދިރުމެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ.
ފާޚާނާއަށް ވަދެ ފެންވަރާ ވުޟޫކޮއްލުމަށްފަހު ޒާރާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ހުޝޫއަތްތެރިކަމާއެކު ޒާރާ ނަމާދުކުރިއެވެ. ދުޢާއަށް ދެއަތް އުފުލާލުމާއެކު އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ހިތަށް ކޮށްފައިވާ ފުން އަސަރެއްގެ ސަބަބުންނެވެ. ތުރުތުރު އަޅަމުން ދިޔަ ދެތުންފަތް ދޭތެރެއިން އަޑު ނިކުތީ ނުހަނު އުނދަގުލުންނެވެ.
''ޔާ ﷲ........ މިއަޅާއަށް ޖެހިފައިވާ މިވާ މުސީބާތުން މިއަޅާ ސަލާމަތް ކޮއްދެއްވާދޭނވެ!...... މިއަޅާއަށް ކުރިމަތިވި ހާލަތާ ކަން ހިނގާދިޔަގޮތް އިނބަ އިލާހަށް ވަންހަނާ ވެވޮޑިގެން ނުވޭ..............މިއަޅާގެ ފާފަ ފުއްސަވާދޭނވެ!...........މިއަޅާގެ ލޯބިވާ ފިރިމީހާ ........މިއަޅާގެ ޙަޔާތުން ބޭރު ނުކުރައްވާދޭނވެ!.......... އޭނާގެ ހިތުގައި މިއަޅާގެ މައްޗަށް އޮތް ލޯބި އެގޮތުގައި ލަހައްޓަވާދޭނވެ!.......... ދުނިޔޭގައި ހުރިހާ ދުވަހަކު، މިއަޅާގެ ފިރިމީހާއަށް ވަފާތެރިކަންމަތީ ދެމިހުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވާދޭނވެ!.....އާމީން.........'' ދުޢާކޮށް ނިމިގެން ޒާރާ މޫނުގައި ފިރުމާލިއެވެ. ދެލޯ ފޮހެލުމަށްފަހު ދެފަހަރަކަށް ނޭފަތް އެތެރެއަށް ދަމާލިއެވެ. ރުއިމުގެ ސަބަބުން އޭނާގެ އަރުތެރެވަނީ ބެދިފައެވެ.
ޒާރާ ތެދުވިއެވެ. ބުރުގާއާއި އިސްޓާކީނު ބޭލުމަށްފަހު މުސައްލަ ފަތްޖަހާލިއެވެ. އެތަކެތި ކަބަޑުމަތީގައި ބޭއްވުމައްފަހު ޒާރާ އެނބުރިލިއެވެ. އެވަގުތު ސިހުން ލިބުނީ ކޮޓަރި ތެރޭގައި ހުރި އިމްރާނު ފެނުމުންނެވެ.
އިމްރާނު އެތާ ހުންނަތާ އިރުކޮޅޭއް ވެއްޖެއެވެ. ޙަޔާތުގެ ނިވެމުންދާ ހުޅުކޮޅަށް ދިރުމެއް ދެއްވާތޯ ޒާރާ ކުރި ދުޢާގެ އަޑު އިމްރާނަށް ނުހަނު ރީތިކޮށް އިވުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު، ޒާރާ ނަމާދުކުރަން ހުރިތަން ފެނުމުން ދޮރުން އެތެރެއަށް ވަނުމަށްފަހު އިމްރާން މަޑުކޮއްލީ ޒާރާ ނަމާދުން އަވަދިވަންދެނެވެ.
--------------------------------------
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 29 އޭޕްރީލް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް