ވަބާތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް މިކަންކަން ކޮށްލާ

ބަލިތަކުން ރައްކާތެރިވުމަށާއި، ބޭސްފަރުވާ ކުރުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”تَدَاوَوْا عِبَادَ اللَّهِ فَإِنَّ اللَّهَ تَعَالَى...

26 Apr 2021 | 21:17

ބަލިތަކުން ރައްކާތެރިވުމަށާއި، ބޭސްފަރުވާ ކުރުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”تَدَاوَوْا عِبَادَ اللَّهِ فَإِنَّ اللَّهَ تَعَالَى لَمْ يُنْزِلْ دَاءً إِلَّا وَقَدْ أَنْزَلَ لَهُ شِفَاءً إِلَّا هَذَا الْهَرَمَ“ رواه الحكام މާނައީ: ”އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ބޭސްފަރުވާ ކުރާށެވެ! ފަހެ ހަމަކަށަވަރުން، މަރުބަލި ފިޔަވައި، މާތް ﷲ އެބައްޔަކާއެކު އޭގެ ޝިފާ ބާވައިނުއްލަވާ އެއްވެސް ބައްޔެއް ނުލައްވައެވެ.“

އަދި ހަމައެފަދައިން ބަލިތަކުން ރައްކާތެރިވެ، ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ. އެއާކު މިފަދަ ބަލިތަކާއި މުޞީބާތްތަކުން ރައްކާތެރިވުމަށް ޝަރުޢީގޮތުން ކުރެވިދާނެ އެތައްކަމެއް މިމާތް ދީނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން، އެއްކަމަކީ ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ.

ގިނަގިނައިން އިސްތިޣްފާރު ކުރުމަކީ ރޯދި ބަރަކާތް އިތުރު ކުރައްވައި، ބަރަކާތް ލައްވައި މާތް ﷲ ގެ ކޯފާއާއި މުޞީބާތްތަކުން މިންޖު ކޮށްދެއްވާ ކަމެކެވެ. އިސްތިޣުފާރު ކުރުމަކީ ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ”وَمَا كَانَ اللّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ“ (الأنفال: 33) މާނައީ: ”އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް އަޒާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣުފާރު ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް އަޒާބެއް ނުދެއްވާނެތެވެ.“

ކައުނުގައި ހިނގާ ކަންތައްތަކުގެ ތެރެއިން، ބިރުވެރި ކަމެއް އިޙުސާސްކުރެވޭ ކަމެއް ކުރިމަތިވެއްޖެނަމަ މާތް ﷲ ޒިކުރުކޮށް އިސްތިޣުފާރުކޮށް ތަސްބީޙަކިޔުމަކީ ސުންނަތުން ސާބިތުވާ ކަމެކެވެ.

އަބޫ މޫސާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (އެއްދުވަހެއްގައި) އިރުކޭތަ ހިފުމާއެކު، ޤިޔާމަތް ވެދާނޭކަމަށް ބިރުވެތިވެވަޑައިގެން ކަންބޮޑުވެވަޑައިގެން ނަބިއްޔާ صلى الله عليه وسلم މިސްކިތަށް ވަޑައިގަތެވެ. އެކަލޭގެފާނު އެހާ ދިގުކޮށް ޤިޔާމާއި، ރުކޫޢުއާއި ސުޖޫދުގައި ހުންނަވަނިކޮށް ދުވަހަކުވެސް ފެނިފައިނުވާހާ ދިގުކޮށް ނަމާދުކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. ”هَذِهِ الآيَاتُ الَّتِي يُرْسِلُ اللَّهُ، لاَ تَكُونُ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، وَلَكِنْ يُخَوِّفُ اللَّهُ بِهِ عِبَادَهُ، فَإِذَا رَأَيْتُمْ شَيْئًا مِنْ ذَلِكَ، فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَارِهِ“ رواه البخاري ومسلم މާނައީ: ”މިއީ މާތް ﷲ ގެ ކުޅަދުންވަތަކަމުގެ ހެކިތަކުގެ ތެރެއިން އެއިލާހު ދައްކަވާ ކަންކަމެވެ. މިއިން ކަމެއް އެއްވެސް މީހެއްގެ މަރު ނުވަތަ ދިރުމާއި ގުޅިގެން ނުހިނގާނެއެވެ. އެހެނެއްކަމަކު އެއީ އެއިލާހުގެ އަޅުތަކުން ބިރުވެތިކުރެއްވުމަށް ދައްކަވާ ކަންކަމެވެ. އެއިން ކަމެއް ފެނިއްޖެނަމަ މާތް ﷲ ޒިކުރުކޮށް ދުޢާކޮށް އިސްތިޣްފާރު ކުރުމަށް އަވަސްވެގަންނާށެވެ.“

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޝައިޚް ފިކުރީ.ކޮމްއިން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް