ފަހު ދިހައިގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް އާއްމުކޮށްފި

މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި އެވެ. ކޯވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ މިސ...

26 Apr 2021 | 19:25

މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި އެވެ.

ކޯވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ދަމު ނަމާދު ކޮށްފައެއް ނުވެ އެވެ. އެންމެ ފަހުން މާލެ ސަރަހައްދުގައި ޖަމާއަތުގައި ދަމު ނަމާދު ކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.

އެ މިނިސްޓްރީން ބުނީ މި ރޯދަ މަހުގެ ފަހު 10 ގައި މާލޭގެ 15 މިސްކިތަކާއި ވިލިމާލޭ ތިން މިސްކިތެއްގެ އިތުރުން ހުޅުމާލޭ ފަސް މިސްކިތެއްގައި ދަމުނަމާދު ކުރާނެ ކަމަށެވެ. އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަސް މިސްކިތަކާއި ހުޅުމާލޭ ދެ މިސްކިތެއްގެ އިތުރުން ވިލިމާލޭ އެއް މިސްކިތުގައި އެވެ.

މާލޭގައި ދަމު ނަމާދު ކުރާ ބައެއް މިސްކިތްތަކުގެ ތެރޭގައި ޝަހީދު އަލީ މިސްކިތް، އިބްރާހިމީ މިސްކިތް، އިސްލާމީ މަރުކަޒު، ނޫރު މިސްކިތް، ޝަމްސުއްދީން މިސްކިތް، ސަލާހުއްދީން މިސްކިތް ހިމެނެ އެވެ. ވިލިމާލޭގައި ދަމު ނަމާދު ކުރާ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުލް އިހްލާސް އާއި ބިއްރީ މިސްކިތް ހިމެނެ އެވެ. ހުޅުމާލޭގައި ނެއިބަހޫޑް3 ގައި ހަދާފައިވާ ވަގުތީ މިސްކިތާއި އަޒީޒާ މިސްކިތުގެ އިތުރުން ޝެއިހް ގާސިމް މިސްކިތުގައި ދަމު ނަމާދު ކުރާނެ އެވެ.

މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ:

މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)

މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދިﷲ

މަސްޖިދު ފުރުޤާން

މަސްޖިދު ޖަލާލުއްދީން

މަސްޖިދުއް ޝަހީދު އަލީ

ހުޅުމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ:

މަސްޖިދު ޝައިހް ގާސިމް ބިން އަލްޡާނީ

މަސްޖިދު އަޒީޒާ މޫސާ

ވިލިމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައި ވަނީ:

މަސްޖިދުއް އިހްލާސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް