ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި ކުރީގެ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހެންވޭރު ޒޮނޭރިއާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހެލްތް މިނިސްޓްރީގައި ހުޅުވާލި ތައުޒިޔާގެ ދަފުތަރުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައިފި އެވެ.
މަރުހޫމް އިބްރާހިމް ރަޝީދު ރާއްޖޭގެ ހެލްތް މިނިސްޓަރުކަން ކުރެއްވީ 11 ނޮވެންބަރު 1968 ން 6 ޖަނަވަރީ 1977 އަށެވެ. އިބްރާހިމް ރަޝީދު އަވަހާރަވީ މިދިޔަ ޖެނުއަރީ މަހުގެ 31 ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އިތުރުން ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ހެލްތް މިނިސްޓްރީއަށް ވަޑައިގެން ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރައްވާފަ އެވެ. އަދި ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނާއި މިހާރު އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އާއްމު ފަރާތްތައް ވަނީ މި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރުގައި ސޮއި ކުރެއްވުމަށް ހުޅުވާލާފައިވަނީ، މިމަހުގެ 25 ން 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ރެޔަކު 9:00 އިން 11:00 އަށް ހެލްތް މިނިސްޓްރީގައެވެ.
ތަޢުޒިޔާގެ ދަފުތަރު ހުޅުވުން ފަސްކޮށްލަންޖެހުނީ، ކޯވިޑް-19ގެ ޙާލަތު އޭރު އޮތް ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
އަދި މިހާރު ކޯވިޑް-19 އާއި ގުޅިގެން ގިނަ ލުއިތަކެއް ދެއްވައިފައިވުމާއެކު، ސޮއިކުރެއްވުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ޢަމަލުކުރުމަށް ހަމަޖައްސަވައިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް