ދުބާއީގައި އޮތް ފުޑް އެކްސްޕޯއަށް ދިޔަ އެންމެން އެޗްޕީއޭއަށް ރިޕޯޓު ކުރަން އަންގައިފި

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި އެންމެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މައުލޫމާތު ހިއްސާ ކުރުމަށް އަންގައިފި އެވެ. މި އެކްސްޕޯ ބާއްވ...

27 Apr 2020 | 18:09

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި އެންމެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މައުލޫމާތު ހިއްސާ ކުރުމަށް އަންގައިފި އެވެ.

މި އެކްސްޕޯ ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ16 އިން20 ގެ ނިޔަލަށެވެ.

އެޗްޕީއޭގެ ފަރާތުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާޙިމް އަފްޒަލް ވިދާޅުވީ މި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވެރި މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ކަމަށެވެ. އެ އެންމެން ރިޕޯޓު ކުރަންވީ އެޗްޕީއޭގެ ހޮޓްލައިން1676 އަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެމީހުން ދެނެގަންނަން ބޭނުންވަނީ އެމީހުންގެ ފަރާތުން ބަލި ފެތުރިފައިވޭތޯ ބެލުމަށް ނޫން ކަމަށެވެ. އަދި ކަރަންޓީން ނުވަތަ އައިސޮލޭޝަންވެސް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެ ދަތުރަށް ފަހު ރާއްޖެ އައި ބައެއް މީހުންގެ ގައިގަ ވައިރަހުގެ އަސަރު ހުރުން އެކަށީގެންވާތީ އެޗްޕީއޭއިން ބޭނުންވަނީ އެ މީހުންގެ ދަތުރުގެ މައުލޫމާތު ހޯދުމަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެކަމަކު އޭގެން އެއްވެސް މީހަކު މިހާރުގެ ޕޮސިޓިވް މީހަކާއި ގުޅުން ނެތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ފެންނަމުންދާ ބައެއް ޕޮސިޓިވް ކޭސްތަކުގެ ތެރޭގައި ކުރިން ކޯވިޑް-19 ގެ އަލާމާތްތައް ފެނުމަށް ފަހު ރަނގަޅުވިތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އަލާމާތްތައް ފެންނަން ފެށި މީހުން ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން226 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެތެރެއިން މާލެއިން ޕޮސިޓިވްވި މީހުންގެ ތެރޭގައި ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވަނީ އެކަކު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެއީ އިނގިރޭސިވިލާތުން އައިސް ކަރަންޓީން ފުރިހަމަ ކުރުމުން ދެފަހަރު ޓެސްޓުކޮށް ނެގެޓިވްވުމުން ދޫކޮށްލި މީހެކެވެ. އެޗްޕީއޭއިން ބުނީ އެމީހާއަށް ބަލިޖެހިފައިވާކަން އެނގުނީ މާލެއިން ޕޮސިޓިވްވި މީހަކާއި ސީދާ ގުޅުން ހުރި މީހެއްގެ ގޮތުގައި އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުއްޓަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް