މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރުވައިފިއެވެ.
ރައީސް ސޯލިހް މި ޔަގީންކަން މިރޭ އަރުއްވާފައިވަނީ ރައީސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ވެންޓިލޭޓަރު މައްސަލައާއި ގުޅިގެން ރައީސް އޮފީހުން ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ސިއްހީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ހިންގި މުއާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް – މިނިސްޓްރީ އޮފް ހެލްތު" ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބައެއް ކަންކަން ފާހަގަކުރެވިފައިވާތީ، އެ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި – ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރުމަށް އެންގި ކަމަށެވެ.
" އެގޮތުން، މި މައްސަލައާ ގުޅިގެން، ،ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ގާނޫނު އަސާސީން އެކަން މަތިކޮށްފައިވާ މުސްތަގިއްލު ކޮމިޝަން، "އެންޓި ކޮރަޕްޝަން ކޮމިޝަން" އިންނެވެ. އެ މުއައްސަސާއިން ކުރެއްވި ތަހުގީގަށް ބޭނުންވި އެންމެހައި މައުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން ކޮމިޝަނަށް ސަރުކާރުން ވާނީ ދީފައެވެ. އަދި އެ ތަހްގީގު ހިނގަމުންދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއިއެކު މައްސަލަ ތަހްގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލައިގާ ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުއައްޒަފުން، ތަހްގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނެވެ." ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާއި، އަދުލުވެރިކަމާއިއެކު ދައުވާތަށް ކުރުމަށް ފުރުސަތުދިނުމުގެ ގޮތުން ކަމަށެވެ
އިތުރަށް ބުނެފައިވަނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުސޫލުތައް ނަގަހައްޓައި، އެންމެހާ މީސްތަކުންގެ ހައްގުތަށް ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމުކުރާކަމެއް ކަމަށާއި އެހެންކަމުން ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަން ކަމާއި މުސްތަގިއްލުކަމާއިއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް