ޖިންސީ އަނިޔާ ލިބުނުކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ޙާލަތު ވަރަށް ގާތުން އެބަ މޮނިޓަރކުރަން: ޖެންޑާ

އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 10ވަނަ ދުވަހު ޖެންޑާ މިނިސްޓްރިއަށް ލިބުފައިވާ ކަމަށާއި، މައްސަލަ ބެލުމުގައި ...

27 Mar 2021 | 10:01

އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 10ވަނަ ދުވަހު ޖެންޑާ މިނިސްޓްރިއަށް ލިބުފައިވާ ކަމަށާއި، މައްސަލަ ބެލުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެ ކުއްޖާގެ ޙާލަތު ވަރަށް ގާތުން މޮނިޓަރކުރަމުން ދާ ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަމުން އަންނަ އުތުރުގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަކަށެވެ.

މި މައްސަލަ ހުށަހެޅުމާއެކު ޖެންޑާ މިނިސްޓްރީގެ ލަފައާއެކު އެ ސެންޓަރުން އައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ޖެންޑާއިން ބުނީ މިފަދަ ކޮންމެ މައްސަލައެއްގައި ވެސް ޖެންޑާގެ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާގޮތަށް އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

މި ގޮތުން މި މައްސަލަ ޖެންޑާގެ ސަމާލުކަމަށް އައުމާއެކު، ޖެންޑާއިން އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ކުއްޖާއަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެސް، ގުޅުންހުރި މުއައްސަސާތަކާއެކު ޖެންޑާއިން މަސައްކަތްކުރަމުންދާ ކަމަށް ވެސް ޖެންޑާއިން ބުނެއެވެ.

އުތުރުގެ ރަށެއްގައި މި މަހުގެ ތިންވަނަ ދުވަހު އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަލާފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

“މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން” ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ކުއްޖާ ރޭޕު ކުރިކަން އަދި ތިން މީހަކު ހިމެނޭކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްވެސް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާކަމަށެވެ.

ނަމަވެސް އެ ރަށުގައި އެ ވާހަކަ ދެކެވެނީ ޓީޗަރަކު އިސްވެ ހުރެ އިތުރު ދެ ފިރިހެނަކާއެކު 14 އަހަރުގެ އަންހެން ކުއްޖަކު ގެއަކަށް ގެންގޮސް ރޭޕު ކުރީ ކަމަށެވެ. އަދި މައްސަލަ ޕޮލިހާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. ރަށު ހޮސްޕިޓަލުން ޓެސްޓްތައް ހެދުމަށްފަހު މިހާރު މާލެ ގެނެސްފައިވާކަމަށްވެސް އެ ރަށުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް