ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މ. މުލީގައި ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދޭންފަށައިފިއެވެ.
މި އޭޓީއެމް ސެންޓަރުގައި ގާއިމްކޮށްފައިވާ ދެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޗެކް ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އިއްޔެ ހުޅުވުނު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު ކަސްޓަމަރުންނަށް ބްރާންޗަށް ދާންނުޖެހި، ފަސޭހަ ކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެއެެވެ.
މިދިޔަ އަހަރު ބޭންކުންވަނީ 10 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިން ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 67 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 128 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރިކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް