ހޮޅުދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ނިންމާ، ކައުންސިލާ ހަވާލުކޮށްފި

ނ.ހޮޅުދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ނިންމާ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާ ހަވާލުކުރައްވައިފިއެވެ. މި ނިޒާމް...

27 Mar 2021 | 09:24

ނ.ހޮޅުދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ނިންމާ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާ ހަވާލުކުރައްވައިފިއެވެ. މި ނިޒާމް ހަވާލުކޮށްދެއްވާފައިވަނީ އިއްޔެ ނ.ހޮޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނ.ހޮޅުދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުން ކަމަށް އެންވައިރަންމެންޓް މިނިސްޓްރީން ބުނެއެވެ.

ނ.ހޮޅުދޫ ފެން ހިންދާ ނިޒާމުގެފީސިބިލިޓީ ސްޓަޑީ އާއި އީއައިއޭ ހެދުމާއި ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔައް ގެންގޮސްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ (އިންޑިއާ) ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ.

މިގޮތުން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 30 ޖުލައި 2019 ގައެވެ. އަދި އަމަލީ މަސައްކަތް ނިންމާފައިވަނީ ޑިސެމްބަރ 2020 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 7,333,027.00  (ހަތް މިލިއަން ތިން ސަތޭކަ ތިރީސް  ތިން ހާސް ހަތާވީސް ރުފިޔާ) ރުފިޔާއެވެ.

ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔަ ނ.ހޮޅުދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި 1 ޕަންޕް ސްޓޭޝަން އާއި އައުޓްފޯލެއް ވަނީ ޤާއިމްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް