މިއަދު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާންއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު އާއި ފުލުހުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާންއެވެ. މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ފުލުހުންނަށް މަރުހަބާ ވިދާޅުވެ، ކޮންމެ ފުލުހަކީވެސް ޒިންމާދާރު އަދުލުވެރި އަދި މަސައްކަތުގެ މަސްއޫލިއްޔާތު އުުފުލާ މީހެއްކަމުގައި ވުމަށް އެދިލެއްވިއެވެ. އަދި ހިދުމަތް ދިނުމުގައި އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަން އިސްކުރާ މީހަކަށްވުމަށާއި އެކުގައި މަސައްކަތްކުރާ މީހުންނަށާއި މަސައްކަތުގައި މުއާމަލާތްކުރާ މީހުންނަށް އިހުތިރާމްކުރުމާއެކު ހެޔޮކޮށްހިތައި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތް ކުރަންވާނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އެހެން ވާޒީފާތަކެކެވޭސް އެއްފަދައިން ފުލުހުންގެ ހިދުމަތަކީވެސް ރައްޔިތންނަށް ހިދުމަތް ދިނުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފަލަންޖެހޭ ރައްޔިތުންގެ ހާދިމުންކަން އަބަދުވެސް ހަނދާންކޮށް، ފުލުހުން އެމަސައްކަތް އަބަދުވެސް ކުރަންވާނެކަމަށް ވިދާޅުވިއެވެ. އަދި މަގާމުގެ ގޮތުން ކޮންމެ ފުލުހަކަށްމެ ލިބިގެންވާ ބާރާއި އިހުތިޔާރު ބޭނުންކުރަންވާނީ އުސޫލުގެ ތެރެއިން ހިފަހައްޓަންޖެހޭ މިންގަނޑުތަކާ އެއްގޮތަށްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ތަޢައްސުބުން އެއްކިބާވެތިބެ ފަރުވާތެރިކަމާއެކު ޒިންމާ އަދާކުރުމަކީ އަބަދުވެސް ކަންކުރަންޖެހޭނެ ގޮތްކަން ދަނެ، ފުލުހުންގެ ކޮންމެ އަމަލަކަށްވެސް ޖަވާބުދާރީ ވަންޖެހޭނެކަން ދަންނަންވާނެކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއެރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މިއަދަކީ ފުލުހުންގެ ތާރީހުގައި އައު ސަފުހާއެއް ފެށިގެންދާ ދުވަހެއްކަން ފާހަގަކުރެއްވިއެވެ. އަދި އައު ފަލްސަފާއަކަށް ހިދުމަތް ދެވެން ފެށި ފުލުހުންގެ ފަރާތުން ދިވެހިރައްޔިތުން އުއްމީދުކުރާ ހިދުމަތާ ދިމާއަށް ދިއުމަށްޓަކައި އަވަށްޓެރި ފުލުހުންގެ ގޮތުގައި ހިދުމަތް ތަރުތީބު ކުރެވިގެންދާ ދުވަކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތް މިހާހިސާބަށް ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ހުވާކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ވަނީ ހުވާގެ ލިޔުމުގައި ސޮއިކުރައްވާފައެވެ. މީގެއިތުރުން ހުވާކުރުމަށްފަހު ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މާލޭގެ އިތުރުން ފުލުހުންގެ ހިދުމަތް ގާއިމްކޮށްފައިވާ ހުރިހާ ރަށެއްގައި ވަނީ ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް